
ޗައިނާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމުހޫރިއްޔާއަށް އަރުވައިފި
ދިވެހިރާއްޖެއަށް ޗައިނާއިން އައްޔަން ކުރައްވާފައިވާ އައު ސަފީރު، ކޮންގ ޝިއަންހުއާގެ ސަފީރުކަމުގެ ފަތްކޮޅު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު ރައީސް މުޢިއްޒު ވަނީ ސަފީރަށް މަރުހަބާ ދަންނަވައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ މެދު މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގައި ޗައިނާގެ އައު ސަފީރު ވަނީ ދިވެހިރާއްޖޭގެ ކުއްލި އަދި މުހިންމު ބޭނުންތަކުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް އައު ސަފީރެއް ކަނޑައަޅާފައިވާފައިވާ އިރު، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިއްމު އެއްބައިވެރިޔާއެވެ. ވަކިން ހާއްސަކޮށް މި ސަރުކާރުވެރިކަމަށް އައުމަށްފަހު ގެންދަނީ ޗައިނާ އާއި އެކު ވަރަށް ގާތް ގުޅުމެއް ބާއްވަވަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ޗައިނާއާއި އެކު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގިނަ އެއްބަސްވުންތަކެއްގައި ދެގައުމުގެ ދެމެދުގައި ވަނީ ސޮއި ކުރައްވާފައެވެ. މީގެ އިތުރުން ޗައިނާގައި ވަނީ އެގައުމުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ވިޔަފާރި ފޯރަމެއްވެސް ބާއްވަވާފައެވެ.
ރިއެކްޝަންސް






