
ކުރީ ސަރުކާރުގެ ފްލެޓް ލިސްޓުން އުނިކުރެވޭނީ ޝަރުތު ހަމަނުވާކަން ޔަގީންކުރެވޭ މީހުން- މިނިސްޓަރ
މިދިޔަ ސަރުކާރުގެ ފްލެޓް ލިސްޓުން އުނިކުރެވޭނީ ޝަރުތު ހަމަނުވާކަން ޔަގީންކުރެވޭ މީހުން ކަމަށް މިސަރުކާރުގެ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުން ބަޔަކު އުނިކުރަމުންދާ ކަމުގެ ކަންބޮޑުވުން ފަހި ޔޫނިއަންއިން ފާޅުކޮށްފައި ވަނިކޮށެވެ. އެޔޫނިއަންއިން އެންމެ ފަހުން ކަންބޮޑުވުން ފާޅުކުރީ ފްލެޓް ލިސްޓްގައި ހިމެނޭ ބަޔަކު މަޖުބޫރީ ހާލަތެއްގައި ދުވަސްކޮޅަކަށް ދިރިއުޅުން މާލެއިން ބޭރަށް ބަދަލުކުރުމުންވެސް ފްލެޓަށް ޝަރުތު ހަމަނުވާކަމަށް އަންގަމުންދާކަމަށް ބުނެއެވެ.
ނަމަވެސް މިއަދު ވަޒީރު މުއްޠަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ މިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އިއުލާނުކުރި ލިސްޓަކީ ފައިނަލް ލިސްޓް ކަމަށެވެ. ޢަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިޢުލާނުގައި ވާ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
" ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި. ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ." ވަޒީރު ވިދާޅުވިއެވެ.
ލިސްޓަކަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ ފްލެޓް ތަކުގެ ތަޅުދަނޑިތައް ހައްގުވެރިންނަށް ހަވާލުކުރަމުންނެވެ. ޑިޕޮސިޓް ފައިސާ ދެއްކުމުނަށް ޕޯޓަލް މެދުވެރިކޮށް ދަނީ އަންގަމުންނެވެ. އެއްބަސްވުމުގެ ސޮއިކުރުމުގެ މަރުހަލާގައި 3000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
ރިއެކްޝަންސް






