
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 27 އިން 30 އަށް މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު މަޝްވަރާ ކުރައްވާނެ ކަމަށާއި، އަދި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައި ބައިވެރިވެ ވަޑައިގަންނަވައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވާއިރު މެލޭޝިއާއަކީ ދިވެހިރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ކިޔަވަމުން ގެންދާ، އަދި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުން ގެންދާ އެއްގައުމުވެސް މެއެވެ.
ރިއެކްޝަންސް






