
ލެސްޓަރ ސީޓީގެ ކެޕްޓަން ޖޭމީ ވާޑީ 13 އަހަރަށްފަހު ކްލަބް ދޫކޮށްލަނީ
މީގެ 13 އަހަރުކުރިންފެށިގެން ލެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އެޓީމުގެ ކެޕްޓަން, ޖޭމީ ވާޑީ ސީޒަން ނިމުމުން ކްލަބް ދޫކޮށްލަން ނިންމާފައިވާކަމަށް ބުރާސްފަތި ދުވަހު ކްލަބުން ހާމަކޮށްފިއެވެ. ލެސްޓަރސިޓީ މިހާރު އޮތީ ޕްރިމިއަރ ލީގުން ރެލިގޭޓް ވެފައެވެ.
38 އަހަރުގެ ވާޑީ, ލެސްޓަރ ސިޓީއާއެކު ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި 495 މެޗުން 198 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ. 2016 ވަނަ އަހަރު ލެސްޓަރ ސިޓީން ޕްރިމިއަރ ލީގު ކާމިޔާބުކުރި އިރުވެސް ވާޑީ އަކީ އެކްލަބްގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.
އިނގިރޭސި ވިލާތަށް އުފަން ވާޑީ ވަނީ އެފް އޭ ކަޕާއި, ކޮމިއުނިޓީ ޝީލްޑް އަދި ދެ ޗެމްޕިއަންސް ލީގުވެސް ލެސްޓަރ ސިޓީއާއެކު އުފުލާލާފައެވެ. ކްލަބުން ވާޑީ އާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ވާޑީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ. އަދި އެއީ "ކްލަބުގެ ތާރީޚްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ" ކަމުގައިވެސް ވަނީ ބުނެފައެވެ.
ކްލަބް ދޫކޮށް ދިއުމާ ގުޅޭގޮތުން މީސްމީޑިއާގައި ވާޑި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކްލަބުގައި އެހާ ދުވަހު އޭނަ ހުރެފައި ކްލަބް ދޫކޮށް ދާން އުޅޭކަން އޭނާއަށްވެސް އަދިވެސް ޤަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި, އެކަމުގެ ސަބަބުން އޭނާއަށް ވަރަށް އުނދަގޫވާކަމަށެވެ.
"ލެސްޓަރ ސިޓީއަކީ އަހަރެންގެ ދެވަނަ ގެ. އަހަރެންގެ އާއިލާގެ މެމްބަރުން އަދި 13 އަހަރުވަންދެން އަހަރެންގެ މުޅި ދިރިއުޅުން. މި ކްލަބާއި, މި ސިޓީ އާއި މިތާގެ މީހުންނަކީ އަހަރެންގެ އާއިލާ. އެމީހުން އަހަންނަށް ވަރަށް މުހިއްމު. މިއީ އަހަރެންގެ ދަރިންގެ ދިރިއުޅުން ބައްޓަން ވެގެންދިޔަ ތަން. ލެސްޓަރ ސިޓީ ކަހަލަ ގެއެއް އަހަރެންގެ ދަރިންނަށް ލިބުމަކީ އެކުދިންގެ ނަސީބު. އެކަމަކު އަހަރެން މި ހުރިހާ އެއްޗަކާ އަލްވަދާއު ކިޔަންޖެހޭ ވަގުތު އައިއްސި" ވީޑިއޯގައި ވާޑީ ބުނެފައި ވެއެވެ.
ރޫޑް ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ސީޒަނުގެ ފަހު ބައި ކުޅޭމުން އަންނަ ލެސްޓަރ ގެ ރެލިގޭޝަން ކަށަވަރު ވެފައިވާއިރު, ތާވަލްގެ 19 ވަނައިގައި ކްލަބް އޮތީ އެންމެ 18 ޕޮއިންޓާއެކުއެވެ. ވާޑީ ލެސްޓާރ ސިޓީ އާއެކު އޭނާގެ ފަހު މެޗު ކުޅޭނީ މެއި މަހުގެ 18 ވަނަ ދުވަހު އިޕްސްވިޗް ޓައުން އާ ދެކޮޅަށެވެ.
ރިއެކްޝަންސް






