
ދިހަ ކުޅުންތެރިންނާއެކު ކުޅުނު ރެއާލް ސޮސިއެޑާޑް 4-0 ން ބަލިކޮށް ބާސެލޯނާ އަލުން އެއްވަނަ މަގާމަށް
ސްޕެނިޝް ލަލީގާގައި މިއަދު ބާސެލޯނާ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރިމެޗު 4-0 ން ބާސެލޯނާ ކާމިޔާބުކޮށް ތާވަލްގެ އެއްވަނަ މަގާމަށް އަލުން ޖެހިލައިފިއެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ އެންމެ 17 ވަނަ މިނިޓްގައި ރެއާލް ސޮސިއެއެޑާޑްގެ ޑިފެންޑަރު އާރިޓްޒް އެލަސްޓޮންޑޯ އަށް ދެއްކި ރަތްކާޑާ ގުޅިގެން މެޗު އެއްކޮށްހެން އެޓީމު ކުޅުނީ ދިހަ ކުޅުންތެރިންނާއެކުއެވެ.
ލީގުގައި ބާސާއިން ވިދިވިދިންގެ ހޯދި ހަވަނަ މޮޅާއެކު ތާވަލްގެ ކުރީގައި އެޓީމު އޮތީ 26 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް މަދުކޮށް ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތްއިރު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ރެއާލް ބެޓިސް އަތްދަށުވެ ތިންވަނައިގައި އޮތީ 54 ޕޮއިންޓާއެކުއެވެ.
ރެއާލް ސޮސިއެޑާޑަށް ދިމާވި ހާލަތުގެ ފައިދާ ބާސެލޯނާއިން ނެގީ މެޗުގެ 25 ވަނަ މިނިޓްގައެވެ. ލަމީން ޔަމާލްގެ ހިތްގައިމު ޑްރިބްލިން އާއެކު އިދިކޮޅު ޓީމުގެ ދެކުޅުންތެރިން ކައިރިން ނައްޓާލާ ޑެނީ އޮލްމޯއަށް އަށް ދިން ޕާސް ގޯލަކަށް ބަދަކުކޮށްލާ ބާސާއަށް ލީޑު ނަގައިދިނީ ޖެރާޑް މާޓިން އެވެ.
އޭގެ ތިން މިނިޓްފަހުން މާކް ކަސާޑާ ލީޑު ފުޅާކޮށްދިނީވެސް އޮލްމޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ރެއާލް ސޮސިއެޑާޑް ގެ ކުޅުންތެރިޔާ އަށް ރަތް ކާޑު ދެއްކީ ޑެނީ އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ދެވަނަ ހާފުގައިވެސް ބާސެލޯނާގެ ފަރާތުން ފުލުފުލުގައި ހަމަލާ އުފައްދާ ދިޔައީ ސޮސިއެޑާޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ތިންވަނަ ގޯލް 56 ވަނަ މިނިޓްގައި ރޮނާލް އަރޫޖޯ ކާމިޔާބުކުރީވެސް ސެސިއެޑާޑްގެ ކީޕަރު އެލެކްސް ރެމީރޯ އަތުގައި ޖެހިފައި ނިކުއިން ބޯޅައެއް ބޮލުންޖަހާ ގޯލަށް ފޮނުވާލައިގެންނެވެ.
އަރޫޖޯ ނަގައިދިން ބޯޅަ އެހާމެ މޮޅަށް ގޯލަށް ފޮނުވާލައިގެން ރޮބާޓް ލެވަންޑޮސްކީ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިންއިރު, މިސީޒަންގައިއޭނާ ވަނީ މިހާތަނަށް 21 ވަނަ ލީގު ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި މިސީޒަންގެ ހުރިހާ މުބާރާތެއް އެއްކޮށް 34 ގޯލް ކާމިޔާބުކޮށްދީފައެވެ. މިއީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ އެއްވެސް ކުޅުންތެރިއަކަށް މި ސީޒަންގައި ކައިރިވެސް ކުރެވިފައިވާ އަދަދެއް ނޫނެވެ. އަދި މިއީ 2022 ގައި ލެވަންޑޮސްކީ ބާސެލޯނާއަށް ބަދަލުވީފަހުން އެންމެ ގިނަ ގޯލް ކާމިޔާބުކުރި ސީޒަންއެވެ.
މިސީޒަންގައި އެންމެ ހަތަރު މެޗު ކާމިޔާބުކޮށްގެން ރެއާލް ސޮސިއެޑާޑް އޮތީ ތާވަލްގެ ނުވަ ވަނައިގައެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ބުދަ ދުވަހު ނިކުންނަ ބާސެލޯނާގެ ކުޅުންތެރިން ފިޓްކޮށް ބޭތިއްބުމަށް ކޯޗު ހެންސީ ފްލިކް ވަނީ މުޙިއްމު ކުޅުންތެރިން މެޗުގެ ކުރީކޮޅު ބަދަލުކޮށްފައެވެ.
ރިއެކްޝަންސް






