
ފުލުހުން ދައްކުވައިދިނީ ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާ- މިނިސްޓަރ އިހުސާން
ކަނޑުވި ދަތުރުވެރިން ސަލާމަތްކުރުމުގައި ފުލުހުން ދައްކުވައިދިނީ ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވީ އިއްޔެ ދިގުރަށުން ފުރައިގެން މާލެ ދަތުރުކުރި ލޯންޗަކުން ކަނޑުވި ސާޅީހަށްވުރެ ގިނަ މީހުން ސަލާމަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ 48 މީހުން ދަތުރުކުރި 'ހުވަން' ލޯންޗު އަޑިއަށްދިޔަ ހާދިސާގައި ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ދިވެހި ފުލުން ދެއްކެވި ހިއްވަރާއި ކެރުމާއި ސާބިތުކަމަކީ ފުލުހުންގެ މުއައްސަސާއަށް ޒިއްމާވާ ވަޒީރުގެ ހައިސިއްޔަތުން ފަހުރުވެރިކަމާއިއެކު އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް އަދި މުޅި ފުލުހުންގެ މުއައްސަސާއަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު އަދާކުރާ ކަމެއް ކަމަށެވެ.
"މިއީ ޤައުމީ ހިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާއެއް" މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުވެސް ވަނީ ފޯނުން ގުޅުއްވައި ޝުކުރު އަދާކުރައްވާފައެވެ. ކޮމިޝަނަރ ވިދާޅުވީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ.
މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
'ހުވަން' ނަމަކަށް ކިޔާ ލޯންޗުން 45 މީހުންނާއި 3 ފަޅުވެރިން ދަތުރުކުރިއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުތަކުން ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ގޮސް ކަނޑުވި ހުރިހާ އެންމެން ވަނީ ސަލާމަތްކޮށްފައެވެ. ހުރިހާ ދަތުރުވެރިންވެސް ހެޔޮހާލުގައި ދިގުރަށަށް ގެންދިޔައެވެ.
ރިއެކްޝަންސް






