
އާނޯލްޑް 20 އަހަރަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން އިއުލާންކޮށްފި
ހިލޭ ޓްރާންސްފަރ އެއްގައި ލިވަޕޫލް ގެ ޑިފެންޑަރު ޓްރެންޓް އަލެގްސަންޑަރ އާނޯލްޑް ކްލަބް ދޫކޮށްލަން ނިންމާފައިވާކަން އޭނާ އިއުލާނުކޮށްފިއެވެ. އާނޯލްޑް ލިވަޕޫލް އާއެކު ހަދާފައިވާ އެއެްބަސްވުން މި ހޫނު މޫސުމުގައި ހަމަވާނެއެވެ.
މަސްދަރުތަކާ ހަވާލަދީ އީއެސްޕީއެން އިން ބުނި ގޮތުގައި އެއްްބަސްވުމުގައިވާގޮތަށް ކްލަބް ދޫކޮށްލާއިރު އޮތް މުސާރަ ނުނަގަންވެސް އާނޯލްޑް ވަނީ ނިންމާފައެވެ. ރިޕޯރޓްތައް ބުނާގޮތުން އާނޯލްޑް ގުޅުން އެންމެ ގާތީ ސްޕެއިންގެ ރެއާލް މެޑްރިޑާއެވެ. ލިވަޕޫލް ދޫކޮށްލާނެކަން އޭނާ ހާމަކުރީ ހޯމަ ދުވަހު ދިން ބަޔާނެއްގައެވެ.
"އަހަންނަށް ހީވަނީ އެންމެ ފުރަތަމަވެސް އަހަރެން ބުނަންބޭނުންވަނީ މިއީ އަހަންނަށް ފަސޭހަ ނިންމުމެއްނޫނޭ. މިކަމުގައި އަހަރެން ވަރަށް ވިސްނިން. ވަރަށް ގިނަ އިހްސާސްތަކެއް ކުރަންޖެހުނު. މިތާ އަހަރެން ހުންނަތާ 20 އަހަރު މިވީ. މިތާނގައި އަހަރެން ހޭދަކުރި ކޮންމެ ދުވަހަކަށް އަހަރެން ލޯބިކުރަން. އަހަރެންގެ ހުވަފެންތައް މި ކްލަބާއެކު ފުރިހަމަވެއްޖެ. އަހަރެން ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއްވެސް މިތާނގައި ހާސިލްވެއްޖެ" އާނޯލްޑް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ 20 އަހަރު ވަންދެން ހަމަ ކޮންމެ ދުވަހަކު މިތާ ހޭދަކުރި ކުރުމާއެކު މިހާރު ބަދަލަކަށް ބޭނުންވާކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. މީހެއްގެ އަދި ކުޅުންތެރިއެއްގެ ހައިސިއްޔަތުން އާ ގޮންޖެހުމެއް މިހާރު އޭނާ ބޭނުންވާކަމުގައި ބުންޏެވެ. އަދި މިއީ އެކަމަށް އެންމެ އެކަށިގެންވާ ވަގުތުކަމަށްވެސް އާނޯލްޑް ވަނީ ބުނެފައެވެ.
އާނޯލްޑް ލިވަޕޫލާ ގުޅުނީ އުމުރުން އެންމެ ހަ އަހަރުގައެވެ. މިހާރު 26 އަހަރުގެ އާނޯލްޑް ވަނީ 2023 ގެ ހޫނު މޫސުމުގައި ލިވަޕޫލްގެ ވައިސް ކެޕްޓަންގެ މަޤާމްވެސް އަދާކޮށްފައެވެ. އެޓީމަށް ޖުމްލަ 349 މެޗު ކުޅެދީފައިވާ އާނޯލްޑް އެންފީލްޑްގައި ބޮޑު ހަތް ތަށި ހޯދާފައި ވެއެވެ.
ރިއެކްޝަންސް






