
ޑަބްލިޔުޑީސީތަކަށް މުސާރައާއި ރަމަޟާން އިނާޔަތް ދިނުމަށް މަޖިލީހުން ފާސްކޮށްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިޔުޑީސީ) ބާރުވެރިކުރުމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހުގެ ދަށުން ޑަބްލިޔުޑީސީ މެންބަރުންނަށް ރަސްމީ މުސާރައާއި ރަމަޟާން މަހުގެ އިނާޔަތް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ. ބިލުގެ މައިގަނޑު މަގުސަދަކީ ޑަބްލިޔުޑީސީތަކުގެ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުމެވެ.
މި އިސްލާހުގެ ދަށުން ޑަބްލިޔުޑީސީ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅަންޖެހޭނެއެވެ. އަދި ކޮންމެ އަހަރަކު ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހޭނެއެވެ.
މީގެ އިތުރުން، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މި ބިލުގައި ހިމެނިފައިވެއެވެ.
ކައުންސިލުތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޑަބްލިޔުޑީސީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފޯރުކޮށްދިނުމާ ބެހޭ އުސޫލުތައް ވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.
ޑަބްލިޔުޑީސީ މެންބަރުންނަށް އެކަށީގެންވާ އުޖޫރައަކާއި ރަމަޟާން މަހުގެ އެލަވަންސް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






