
މަޖީދިއްޔާ ސްކޫލުގެ އައު ޕްރިންސިޕަލަކަށް މުޖާހިދު އައްޔަންކޮށްފި
މަޖީދިއްޔާ ސްކޫލުން ހުސްވެފައިވާ ޕްރިންސިޕަލްގެ މަޤާމަށް އަހުމަދު މުޖާހިދު އައްޔަންކޮށްފިއެވެ.
އެ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި އައިޝަތު މުހައްމަދު ސޯލިހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
ތައުލީމީ ވުޒާރާއިން އާއްމުކޮށްފައިވާ ގޮތުގައި ތަޢުލީމީ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުޖާހިދު، މި މަޤާމަށް ހޮވުނީ މިދިޔަ މަހު ކުރެވުނު އިޢުލާނަކާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިންނެވެ. އޭނާ ވަނީ މިއަދު މަޤާމާ ޙަވާލުވެފައެވެ.
މުޖާހިދު މީގެ ކުރިން ހުންނެވީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައެވެ. އޭނާ ވަނީ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްކަންވެސް ކުރު މުއްދަތަކަށް ކުރައްވާފައެވެ.
މުޖާހިދު ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީން ތަޢުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އޭނާގެ ތަޖުރިބާގެ ތެރޭގައި އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޕާޓްޓައިމް ލެކްޗަރަރކަން ހިމެނެއެވެ.
މީގެ އިތުރުން މުޖާހިދު ވަނީ ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)ގެ ޕާޓްޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
ރިއެކްޝަންސް






