
އިސްލާހުގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށްވެސް ލައިސަންސް ލިބޭނެ- މިނިސްޓަރ އަމީން
ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށްވެސް ލައިސަންސް ލިބޭނެ ކަމަށާއި, އެކަމުގައި ހުރަހެއް ނެތްކަމަށް ޓްރާސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އިސްލާހުތަކާއެކު މިއަދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު ގެޒެޓް ކުރުމުން 60 އަހަރުން މަތީގެ މީހުން ޚާއްޞަ ލައިސެންސެއް ނަގަން ޖެހޭކަމަށް ރިޕޯރޓް ކުރަމުންދާތީއެވެ. މިނިސްޓަރ ވިދާޅުވީ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއް ނެތް ކަމަށެވެ.
އެކަން ތަފްސީލްކޮށްދެއްވާ މިނިސްޓަރ ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އިމްތިހާންތައް ފުރިހަމަ ކުރުމުން ކަމަށެވެ. މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިހާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، 04 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚުތިޔާރު މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 02 ވަނަ އިސްލާހުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަކު މި ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި އެ ލައިސަންސެއް ދޫކުރި ކައުންސިލް ހުންނަ ރަށެއްގައެވެ.
އަލަށް ގެނައި އިސްލާހުތަކާއެކު 60 އަހަރުން މަތީގެ މީހުންނަށް ހައިވޭއާއި ލިންކްރޯޑް ތަކުގައި ދުއްވުމުގެ ހުއްދައެއް ނެތެވެ. އަލަށް ގެނައި މުހިއްމު އިސްލާހުތަކުގެ ތެރޭގައި ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ އުޅަނދު ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމު ނުވަތަ ގުދަނުގެ ހުއްދައާއި އަދި އުޅަނދަކީ މިނިސްޓްރީން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރަށްފެތޭ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުން މިނިސްޓްރީ އަށް ހުށަހަޅައި އުޅަނދު އެތެރެކުރުމުގެ ހުއްދަ ލިބިގެންކަން ކަނޑައެޅުން ހިމެނެއެވެ. މިއުސޫލަށް އަމަލުކުރަން ފަށަނީ މީގެ 90 ދުވަސް ފަހުންނެވެ.
ރިއެކްޝަންސް






