އަންނަ އަހަރުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ތާއީދު ކުރެއްވި އިރު، ބަޖެޓު ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ވޯޓުންނެވެ.
މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ބަޖެޓު ދިރާސާކުރި މަރުހަލާގައި އެންމެ ބޮޑަށް ފާހަގަވީ އެދުނު މިންވަރަށް ވުރެ ކުޑަ ބަޖެޓެއް ދީފައިވާ ކަމަށް ބުނެ މިނިވަން މުއައްސަސާތަކުން ކުރި ޝަކުވާތަކެވެ. ނަމަވެސް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، މުއައްސަސާތަކަށް ކަނޑައެޅި ބަޖެޓުން ދެކޮޅުޖެއްސޭނެ ކަމަށާއި، އިތުރު ހަރަދެއް ހިނގައިފި ނަމަ ކޮންޓިންޖެންސީ ބަޖެޓުން އެކަން ހަމަޖައްސައިދެވޭނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މައިގަނޑު 10 ދާއިރާއެއް ހިމަނާފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެއީ 10.6 ބިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާ، އިގުތިސާދީ އަދި ސިނާއީ މަސައްކަތްތައް، ދަރަނި އަދާކުރުން، ދިފާއީ އަދި އަދުލު އިންސާފުގެ ދާއިރާގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމާއި ގެދޮރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.
ރިއެކްޝަންސް





