ޝެއިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ޝެއިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ފޮނުއްވައިފި

1 hour ago - 08:15
Advertisement
Advertisement

ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ، މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުން ހިތާމައެއް ފާޅުކުރައްވައިފިއެވެ.


ޝައިޚް އިސްމާޢީލް އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ޝައިޚް އަވަހާރަވުމަކީ އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްކުރުވި ކަމެއް ކަމަށެވެ.


ރައީސްގެ ވާހަކަފުޅުގައި، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު އެތައް ދިވެހި ދަރިވަރުންނަކަށް ހޯއްދަވައިދެއްވައި، މިހާރުވެސް ޤައުމީ ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅެއްގެ އުސްތާޛެއްގެ މަޤާމު އެމަނިކުފާނު އަދާކުރެއްވިކަން ރައީސް ހަނދާންކޮށްދެއްވިއެވެ.


މީގެ އިތުރުން، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވުމުގައި ޝައިޚް ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލަކީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެވެ.


ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި މަރުޙޫމް ލަހައްޓެވުމަށް އެދި ދުޢާކުރައްވާފައެވެ.


އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement