ތިލަމާލެ ބުރިޖު: ވިލިމާލެއިން ގުޅިފަޅަށް މި މަހުގެ ނިޔަލަށް ގުޅާލުމަށް މަސައްކަތް ކުރަނީ
ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް މި ހިނގާ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފައި، މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލެ ސަރަހައްދުގައި މިވަގުތު ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބުރިޖުގެ ދަށުން ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިނުގެ ސަރަހައްދެއް ތަރައްގީކުރެއެވެ. މީގެ ތެރޭގައި ކަނޑު ހުރަސްކޮށް އަޅާ 3 ބުރިޖާއި، ގުޅާލެވޭ ރަށްތައް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން މާލެއިން ވިލިމާލެއަށް ބުރިޖު ގުޅާލުމުގެ މަސައްކަތް ވަނީ މިދިޔަ އޮގަސްޓް މަހުގެ ފަހު ހަފުތާގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން މިހާރު ގުޅާނުލެވި ވަނީ އެންމެ ސެގްމަންޓެއްގެ މަސައްކަތް ކަމަށާއި، ބުރިޖުގެ އެއް ތަނބާއި އަނެއް ތަނބު ގުޅާލުމަށް ބޭނުންކުރާ ސެގްމަންޓްތަކަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ-ފެބްރިކޭޓްކޮށްގެން ގެނެސް ގުޅާލާ ބައިތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ވިލިމާލެއިން ގުޅިފަޅަށް އަޅާ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގު ބުރިޖެކެވެ. އެ ބުރިޖު ތިލަފުއްޓާ ގުޅިގެންދާނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށް ފަހުއެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 600 މީޓަރެވެ.
ބުރިޖުގެ މައި ސްޓްރަކްޗަރަލް މަސައްކަތްތަކާ އެކުއެކީގައި ހައިވޭތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. އަދި ކުރިން ގުޅާލެވުނު މާލެއާއި ވިލިމާލެއާ ދެމެދުގެ ބުރިޖުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން ދެކޮޅަށް ދުއްވާ ލޭންތައް ވަކިކުރުމަށް ޖަހާ މީޑިއަން ބެރިއަރުގެ މަސައްކަތްތަކާއި، ތާރު އެޅުމުގެ ކުރިން ޑެކްގައި ފުރިހަމަކުރަންޖެހޭ ކަންކަން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ރެއިލިން ހަރުކުރުމާއި، މަގުބައްތި އަދި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ރިއެކްޝަންސް





