މެންޗެސްޓަރ ސިޓީ އެނބުރި އަންނާނެ,. ވާނެ އެއްޗެއްވާން ދޫކޮށެއްނުލާނަން: ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީ ވެއްޓިފައިފައިވާ ދަށް ހާލަތުން އަރައިގަންނާނެ ކަމަށާއި, އެކަމުގައި އޭނާ ގޮތް ދޫކުރުމެއް ނެތް ކަމުގައި ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. ކްލަބާއެކު ގާޑިއޯލާގެ 500 ވަނަ މެޗު ކުރިއަތް އޮތްއިރު އޭނާ ވަނީ ސިޓީ އެނބުރި އަންނާނެ ކަމަށް ވައުދުވެފައެވެ.
މި ސިޒަންގެ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ސިޓީ ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ޕްރިމިއަރ ލީގުގައި އެންމެ ފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުންވެސް ސިޓިގެ އަމިއްލަ ދަނޑުގައި ވަނީ 1-1 ން އެއްވަރުވެފައެވެ. އެ މެޗުގެ ނަތީޖާއާއެކު ސިޓީ ވަނީ ތާވަލް ގެ ހަތް ވަނަ އަށް ވެއްޓިފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލާ އަރާ ހަމަކުރަންވެސް ސިޓީއަށް 14 ޕޮއިންޓް ބޭނުންވެއެވެ. އެއްވަނައިގައި ލިވަޕޫލް 7 ޕޮއިންޓްގެ ލީޑެއްގައި އޮތީ އެއް މެޗު މަދުން ކުޅެއެވެ.
މިހިނގާ ހަފުތާގައި ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނެފައިވަނީ މިހާރު އޮތް ހާލަތުގައި ޗެމްޕިއަންސް ލީގު ކޮލިފިކޭޝަނުންވެސް ސިޓީ ބޭރުވުމުގެ ބިރު އޮތްކަމަށެވެ. އެކަން އެހެންވެއްޖެނަމަ އެކަން ވެގެންދާނީ ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން, އަދި ތަށި ދިފާއުކުރަން ނިކުމެ އުޅޭ ކްލަބަކަށް ލިބޭނެ ބޮޑު ޝޮކެއް ކަމުގައެވެ.
53 އަހަރުގެ ޕެޕް ގާޑިއޯލާ, ފާއިތުވި މަހު ވަނީ ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އިތުރުކޮށް 2027 ވަނަ އަހަރާ ހަމައަށް ކަލްބުގެ ޒިންމާ ނެގުމަށް ސޮއިކޮށްފައެވެ. ގާޑިއޯލާ ބުނެފައިވަނީ ދަށް ނަތީޖާ ތަކުގެ ސަބަބުން ސިޓި ކުރިން އޮތް ފޯމަށް އެޅުވުމަށް އޭނާގެ ޝައުގަށް ހިޔަނި ނޭޅޭ ކަމުގައެވެ.
"އަހަރެން ދޫކޮށެއް ނުލާނަން. އަހަރެން އެކަން ކުރަން ބޭނުން. އެންމެންވެސް މިކަން ކުރަން ބޭނުންވޭ. އަހަރެންގެ މީހުން މާޔޫސްވިޔަކަ ނުދޭނަން. އެއީ ކްލަބުގެ މީހުންވިއަސް, ކްލަބްގެ ފޭނުން ވިއަސް އަދި ކްލަބް ދެކެ ލޯބިވާ އެހެން މީހުން ކަމަށް ވިއަސް" ބުރާސްފަތި ދުވަހުގެ މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
ރިއެކްޝަންސް