
ލަމީން ޔަމާލްގެ ބާސެލޯނާގެ އެއްބަސްވުން ފަސްއަހަރަށް އިތުރުކުރަނީ: މަސްދަރުތައް
ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް 2031 އާ ހަމައަށް ކްލަބުގައި މަޑުކުރުމާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަމަށް މަސްދަރުތައް ބުނެފިއެވެ. އިތުރު ފަސް އަހަރަށް އެއްބަސްވުން އާކުރުމާ ގުޅޭގޮތުން ކްލަބްގެ ރައީސް ހޮއާން ލަޕޯޓާ އަދި ޔަމާލްގެ އެޖެންޓް ހޯގޭ މެންޑެސް އާއެކު 'ޕޮސިޓިވް' ބައްދަލުވުމެއް ބާއްވާފައިވާކަމަށް މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ވަނީ ބުނެފައެވެ.
17 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2026 ގައެވެ. ނަމަވެސް ކްލަބުން ޔަމާލްގެ އެއްބަސްވުން އާކޮށް އެއްބަސްވުމުގެ ބައިތައް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނަތާ ދެތިން މަހެއްހާ ދުވަސް ވަނީ ވެފައެވެ.
މެންޑެސް ފާއިތުވި ހަފުތާގައި ބާސެލޯނާގައި ޔަމާލް އާ ބައްދަލުކުރުމަށްފަހު ހޯމަ ދުވަހު އެނބުރި އައިސް ކްލަބާއެކު ވަނީ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާތައް ކުރިއަށް ދާއިރު ކްލަބާ ގުޅުންހުރި މަސްދަރުތަކުންވަނީ އެއްބަސްވުން ގާތްގަނޑަކަށް ނިމިފައިވާކަމަށް ބުނެފައެވެ.
އަންނަ ޖުލައި މަހު 13 ވަނަ ދުވަހު 18 އަހަރު ފުރޭ ޔަމާލް ވަނީ އެތައް ފަހަރެއްގެ މަތިން އޭނާ ބާސެލޯނާގައި މަޑުކުރުމަށް އެދޭކަމުގެ ހިޔާލު ފާޅުކޮށްފައެވެ. ބާސެލޯނާގައި ޔަމާލް މިިިހާތަނަށް ވަނީ 100 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.
ސްޕެއިންގެ ކުޅުންތެރިޔާ 2023 ވަނަ އަހަރު ބާސެލޯނާ ގުޅުނު ނަމަވެސް 18 އަހަރު ނުފުރޭތީ އޭރު އެއްބަސްވުން ހަދާފައިވަނީ އެންމެ 3 އަހަރުގެ މުއްދަތަށެވެ.
މީގެ ކުރިން ލަޕޯޓާ ވަނީ އެއްބަސްވުން އާކުރާއިރު ޔަމާލްގެ މުސާރަ ބޮޑުވުމުގެ އިތުރަށް އޭނާއަށް "ޙާއްސަކަމެއް" ދޭނެކަމަށްވެސް ބުނެފައެވެ. މަސްދަރުތަކުން ބުނާގޮތުގައި އެއްބަސްވުން އާއެކުރާއިރު ބޮޑު މުސާރައިގެ އިތުރުން ވަކިވަކި ބޯނަސްތަކާއި އިތުރު އާމްދަނީ ލިބޭނެ ގިނަ މަގުތައް ޔަމާލްއަށް ފަހިވެފައި ވެއެވެ.
ރިއެކްޝަންސް






