
ޣައްޒާއަށް އިންސާނީ އެހީ ވަނަނުދިނުމަށް އިޒްރާއިލްގެ ކަނާތުފިޔައިގެ ހައްދުފަހަނައަޅާފައިވާ ވަޒީރަކު ގޮވާލައިފި
ޣައްޒާއަށް އިންސާނީ އެހީ ވަނަނުދިނުމަށް ކަނާތުފިޔައިގެ ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ސަލާމަތީ ކަންކަމާބެހޭ ވަޒީރު އިތްމާރު ބެން-ގްވިރް ގޮވާލައިފިއެވެ.
މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޣައްޒާގެ ޤަތުލްއާންމު ފުޅާކޮށް ޣައްޒާ ނެތިކޮށްލުމަށް ގޮވާލާފައިވާ އިތްމާރު މިހެން ގޮވާލާފައިވަނީ 'ގުދުސް ދުވަސް' ފާހަގަކުރަން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީ ގުދުސްގައި އިއްޔެ ބޭއްވި ހިނގާލުމުގައެވެެ.
ގުދުސް ދުވަހަކީ 1967 ގެ ހަނގުރާމައިގައި އިޒްރާއިލްއިން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފާ, އިރުމަތީ އަދި ހުޅަނގު ގުދުސް ގުޅުވާލުމަށްފަހު ކޮންމެ އަހަރަކުވެސް އިޒްރާއިލް އިން އެކަން ފާހަގަކުރާ ދުވަހެވެ. މިއީ އިޒްރާއިލްގެ ރަސްމީ ބަންދު ދުވަހެކެވެ.
އިއްޔެ އިރުމަތީ ގުދުސްގެ މުސްލިމުންގެ ފުރަތަމަ ހަރަމްފުޅު ހުންނަ އަލް- މަސްޖިދުލް އަޤްސާ ހިމެނޭ ސަރަހައްދުގައި ޔަހޫދީ ސިފައިންގެ ފުރިހަމަ ރައްކާތެރިކަމާއެކު އިޒްރާއިލްގެ ވަޒަންވެރިންނާއި އެކު ބޭއްވި ބޮޑު އެއްވުމުގައި "އަރަބިންނަށް މަރު" އަދި "ތިތަން (ފަލަޞްޠީން) އަނދާ ހުލިވޭ" ފަދަ ގޮވުންތައް އަޑުހަރުކޮށް ތަކުރާރުކޮށްފައި ވެއެވެެ.
އެއްވެފައި އޮތް އެތައްސަތޭކަ މީހުންނާ ވާހަކަ ދައްކަމުން އިތްމާރު ވަނީ ޣައްޒާގައި އިޒްރާއިލްއިން ހިންގާ ޤަތުލް އާންމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. "އަހަރެމެން މިކަން ކާމިޔާބުކުރަން ޖެހޭ. އަަހަރެމެން ޣައްޒާއަށް އަރާނަށް. އަދި އެތަން ހިފާނަށް. އަހަރެން އިޒްރާއިލްގެ ބޮޑުވަޒީރަށް ގޮވާލަން. އަހަރެމެން އެމީހުން (ޣައްޒާއަށް) އިންސާނީ އެހީ ފޯރުކޮށްދޭކަށް ނުޖެހެއޭ. އެކަން ނުކުރާށޭ. އެމީހުންނަށް ތެލެއްވެސް ދޭނެކަމެއް ނެތޭ. އަހަރެމެންގެ ދުޝްމަނުންނަށް ހައްގު މިންވަރަކީ ހަމައެކަނި ބޮލަށް ޖަހާލެވޭ ވަޒަނެކޭ" އިތުމާރު ބުނިކަމަށް ޓައިމްސް އޮފް އިޒްރާއިލްގައި ރިޕޯޓްކޮށްފައި ވެއެވެ.
އިއްޔެ ބޭއްވި އެއްވުމުގައި އެތައްހާސް ބަޔަކު ވަނީ އަލް-އަޤްޞާގެ ހަރަމްފުޅު ތެރެއަށް ވަދެގަނެ, ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އދ ގެ އޮފީކަހަށްވެސް ގަދަކަމުން ވަދެގެންފައެވެ.
ރިއެކްޝަންސް






