
ފްރާންސާއި އިނގިރޭސިވިލާތަށްފަހު ކެނަޑާއިންވެސް ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަނީ
މި ތިން ޤައުމުން އަދިވެސް އިޒްރާއިލްއަށް ދަނީ ހަތިޔާރު ވިއްކަމުން
ފަރަންސޭސިވިލާތުން ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަން އިއުލާން ކުރިތާ ހަފްތާއެއްް ފަހުން އިނގިރޭސިވިލާތުންވެސް ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަށް އިއުލާންކުރިއިރު, ކެނަޑާއިންވެސް އެމަގުން އަމަލުކުރާނެކަން އިއުލާންކޮށްފިއެވެ.
ކެނަޑާގެ ބޮޑުވަޒީރު މާކް ކާނޭ މިކަން އިއުލާންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފަރަންސޭސިލާތުން ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޔޫރަޕްގެ ގިނަ ޤައުމުތަކެއް އެއްކޮށް އެކަން އިއުލާންކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ނާކާމިޔާބުވެ ސެޕްޓެމްބަރު ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެކަން ވަނީ އިއުލާން ކޮށްފައެވެ. މިކަމާ އިޒްރާއިލްއިް ވަނީ ވަރަށްބޮޑަށް ފަރަންސޭސި ސަރުކާރަށް ފާޑުކިޔާފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއަރ ސްޓަމަރ ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ސްޓަމަރ ވަނީ އިޒްރާއިލްއިން ހަނގުރާމަ ހުއްޓާލުމަށް އެކަށީގެންވާ ފިޔަފަޅުތަކެއް ނާޅާނަމަ ސެޕްޓެމްބަރު މަހު ފަލަޞްޠީނު ދައުލަތެެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް ވިދާޅުވެފައެވެ.
ސްޓަމަރ މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހު އިނގިރޭސި ސަރުކާރުގެ ވަޒީރުންގެ ކުއްލިބައްދަލުވުމެއް ބާއްވާ މިއަހަރު އދ ގެ އާންމު މަޖިލިސް ހުޅުވުމުގެ ކުރިން ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަަލައިގަތުމަށް ވަނީ ފާސްކޮށްފައި ވަނިކޮށެވެ.
"އަަހަރެމެން އަބަދުވެސް ބުނަމުންއައީ ސުލްހަވެރި އަމާންމަގަކަށް ކަންކަން ގެންދިއުމަށް އަހަރެމެން ފަލަޞްޠީނުގެ ދައުލަތް ޤަބޫލުކުރާނަމޭ. މިވަގުތުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވފައި އޮތީ ދެ ދައުލަތުގެ ހައްލު ހޯދުމަށް. އެހައްލު ހޯދުމަށް މިވަގުތު ވަރަށް ނާޒުކު. އެހެންވި މިއީ އެކަން ކުރަންޖެހޭ ވަގުތުކަމަށް އަހަރެމެން ދެކެނީ" ސްޓަމަރ ވިދާޅުވިއެވެ.
ކެނަޑާއިން ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެކަމަށް ކާނޭ ވިދާޅުވިއިރު ކާނޭވެސް ވަނީ ދެ ދައުލަތުގެ ހައްލު ހޯދުމަށް މިވަގުތު އަޅަންޖެހޭ ފިޔަވަޅު ނާޅައިފިނަމަ ދުވަހަކުވެސް އެހައްލު ނުލިބިދާނެފަދަ ހާލަތަކަށް މާހަލު ބަދަލުވަމުންދާކަމަށް ވިދާޅުވެފައެވެ.
"ކެނަޑާއިން މިއަހަރު ސެޕްޓެމްބަރުގައި އޮންނަ އދ ގެ 80 ވަނަ އާންމު މަޖިލީހުގައި ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ" ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ކާނޭ ވިދާޅުވިއެވެ.
އިޒްރާއިލް ވަނީ މި ޤައުމުތަކުން ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމި ނިންމުމަކީ ހަމާސްއަށް ހިތްވަރުދިނުން ކަމަށް ސިފަކޮށް އެގައުމުތަކުގެ ހާރިޖީ ސިޔާސަތަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.
ނަމަވެސް ޤައުމުތަކުގެ މި ނިންމުމަކީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމާއި ހިފާފައިވާ ހުޅަނގު އައްސޭރިގައި ކުރިއަށްގެންދާ ބިންފޭރުމުގެ އަމަލު ހުއްޓުވުމަށް ކިހާވަރެއްގެ އަސަރެއްކުރާނެ ކަމެއްކަން އަދި ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ. އިނގިރޭސިވިލާތް, ފަރަންސޭސިވލާތް އަދި ކެނަޑާއަކީ ވެސް އެންމެ ފުޅާ ދާއިރާގައި އިޒްރާއިލްއަށް ހަތިޔާރު ވިއްކާ ގައުމުތަކެވެ.
ރިއެކްޝަންސް






