
ރަހީނުން މިނިވަންކުރުމާ ގުޅުވައިގެން 'ބަދުބަސް' ބުނެފައިވާކަމަށްބުނެ މަޙްމޫދު އައްބާސްގެ ވާހަކަތައް ހަމާސްއިން ކޮށްވެރިކޮށްފި
ހަމާސްއިން ރަހީނުން މިނިވަން ނުކޮށް ބޭތިއްބުމަކީ އިޒްރާއިލްއިން ޣައްޒާއަށް ހަމަލާދިނުމަށް އޮތް ހުއްޖަތެއްކަމަށް ފަލަޞްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވުމުން ހަމާސްއިން އެކަމަށް ރައްދު ދީފިއެވެ. އަދި ހަމާސް އަށް ހަތިޔާރު ބެހެއްޓުމަށާއި ރަހީނުން މިނިވަންކުރަން ގޮވާލި ގޮވާލުންވެސް އެޖަމާއަތުން ވަނީ ކުށްވެރިކޮށްފައެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސެމް ނައިމް ބުރާސްފަތި ދުވަހު ވަނީ މަޙްމޫދު އައްބާސްގެ ވާހަކަތަކީ 'މަލާމާތެއްގެ' ގޮތުގައި ސިފަކޮށްފައެވެ.
"އަހެރެމެން އަޅުވެތިކޮށް އަހަރެމެންގެ މައްޗަށް ބާރު ހިންގަމުންދާ ބަޔަކު ހިންގަމުންދާ ޖަރީމާތަކުގެ ބަދުނާމު ހަމާސްގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން" ނައިމް ބުނެފައި ވެއެވެ.
ބުދަ ދުވަހު ޕީއެލްއޯގެ 32 ވަނަ ސެންޓްރަލް ކައުންސިލް ސެޝަންގައި ވާހަކަ ދައްކަވަމުން މަޙްމޫދު އައްބާސް ވަނީ ހަމާސްއަށް ހުރިހާ ރަހީނުން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި އެމީހުން ދޫނުކޮށްތިބުމަކީ އިޒްރާއިލްއިން ޣައްޒާއަށް ހަމަލާދިނުމަށް އޮތް ބަހަނާއެއް ކަމުގައިވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.
"ހަމާސްއިން ދަނީ ޖިނާއީ ގޮތުން ޣައްޒާ އަޅުވެރިކޮށްފައިވާ ބަޔަކަށް ކުށަށް އަރައިގަތުމަށް ފުރުޞަތު ދެމުން. އޭގެ އަގު އަހަރެން މިދައްކަނީ. އަހަރެމެންގެ މީހުން އޭގެ އަގު މިދައްކަނީ. އިޒްރާއިލް އަކުންނޫން. ކުއްތާތަކުގެ ދަރިންނޭ. ކަލޭމެން އަތުގައި ހުރި އެއްޗެއް ހަވާލުކުރޭ" އިޒްރާއިލްއިން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަالله ގައި ޢަރަބި ބަހުން ހަމާސްއަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށް އައްބާސް ވިދާޅުވިއެވެ.
އައްބާސްގެ ފަތަޙް ޕާޓީ އާއި ހަމާސް އާ ދެމެދު ސިޔާސީ އަދި ނަޒަރިއްޔާގެ ހިޔާލުތަފާތުވުންތަކާއި އެކު އެއްގަލަކަށް ނާރާތާ މިހާރުވަނީ 20 ސަކަށް އަހަރު ވެފައެވެ. އައްބާސް އަދި ޕީއޭއިން ހަމާސް އަށް ފަލަޞްޠީނު އެކަތިގަނޑަކަށް ހަދަން އެއްބާރުލުން ނުދޭކަމަށް ތުހުމަތު ކޮށްފައިވާއިރު ހަމާސްއިން ވަނީ އައްބާސް އާއި އިޒްރާއިލްއާ ދެމެދު އޮންނަ ސިއްރު ގުޅުންތަކަށް ފާޑުކިޔަމުންނެވެ.
ހަމާސްއިން އައްބާސްގެ ވާހަކަތަކާ ދެކޮޅާށް ނެރުނު ބަޔާނުގައި އޭނާގެ ވާހަކަތަކަށް މާފަށް އެދުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ސަޙްޔޫނީން ބޭނުންވާ ގޮތަށް ހަމާސްގެ އަގުވައްޓާލުމަށް ބޭނުންކޮށްފައިވާ ބަސްތައް އަނބުރާ ގެންދިއުމަށްވެސް ވަނީ ގޮވާލާފައެވެ.
ރިއެކްޝަންސް






