
ޤައުމީ އެއަރލައިންގައި ހައްޖުވެރިން މައްކާއަށް!
މޯލްޑިވިއަންއިން ހާޖީން ގޮވައިގެން ދެ ދަތުރު ކުރާމެ
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" ގައި ދިވެހި ހައްޖުވެރިން މައްކާއަށް ފުރައިފިއެވެ.
މޯލްޑިވިއަންގައި މިއަދު ހެނދުނު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރީ 225 ހައްޖުވެރިންނެވެ. މިއީ ރާއްޖެއިން މިއަހަރު ހައްޖަށްދާ ހައްޖުވެރީންގެ ދެވަނަ ގްރޫޕެވެ. ފުރަތަމަ ގްރޫޕް އިއްޔެ ފުރީ ސައުދީ އެއަރލައިންގައެވެ. ސައުދީ އެއަރލައިންއާއި މޯލްޑިވިއަންވެސް ދަތުރުކުރާނީ ޓްރާންސިޓް ކުރުމެއް ނެތި ސީދާ ޖިއްދާއަށެވެ.
މޯލްޑިވިއަންގެ ފްލައިޓްގައި ދެ ގްރޫޕް ދެ ދުވަހެއްގައި ފުރާނެއެވެ. އަދި ސައުދީ އެއަރލައިންގައިވެސް ދެ ގްރޫޕް ފުރާނެއެވެ. މޯލްޑިވިއަންގައި މިއަދު ފުރި ހައްޖުވެރީން ޖިއްދާ ގަޑިން 1100 ގައި ޖިއްދާ އެއަރޕޯޓަށް ޖައްސާނެއެވެ.
ޤައުމީ އެއަރލައިންގައި ދިވެހި ހައްޖުވެރީން ހައްޖުގެ އަޅުކަމަށް ދިއުން އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ފާހަގަކުރެއްވީ ޚާއްޞަކަމެއްގެ ގޮތުގައެވެ.
" ޒަމާންތަކަކަށްފަހު ރާއްޖޭގެ ގައުމީ އެއަރލައިންގައި ދިވެހިން ހައްޖަށް. އަލްހަމްދުالله. މިފަހަރު ހާޖީންގެ 50% އުފުލާނީ ދިވެހި ގައުމީ އެއަރލައިންގައި. ޝުކުރިއްޔާ ރައީސް" މިނިސްޓަރ ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
ދިވެހި ހާޖީންގެ ފުރަތަމަ ގްރޫޕް އިއްޔެ ޖިއްދާއަށް ދިއުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވް ދިވެހި ހައްޖުވެރީންނަށް ހަމަޖެހިފައިވާތީ މިފަހަރު ވަރަށްބޮޑު ލުއިފަސޭހަކަމެއް ވަނީ ލިބިފައެވެ.
ރިއެކްޝަންސް






