
ކުނިތަކުގެ ތެރެއިން ޣައްޒާގެ އާއިލާއެއް ކާއެއްޗެހި ހޯދާ މަންޒަރު: ބަލަން އުނދަގޫ ނަމަވެސް ޣައްޒާގެ އަދުގެ ހާލަތު
ދިއެރް އެލް ބަލަޙް - ޣައްޒާ (އޭޕީ) - މެހިތައް ބުރަމުންދާ ކުނިތަކުގެ ތެރޭގައި ޣައްޒާގެ މަންމަ އަކާއި އޭނާގެ އަންހެން ދަރިފުޅު އިށިއިނދެ ތިބެ ކުނިތަކުގެ ބައިތައް ނަގައިގެން އެހޯދަނީ ބަނޑުފުރާނަ މުއްތިކޮށްލާނެ ކާއެއްޗެއް ފެނޭތޯއެވެ. މިއީ ސުންނާފަތިވެފައިވާ ޣައްޒާ ސިޓީން އެސޯސިއޭޓަޑް ޕްރެސްއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ހިތް ރޮއްވާލާ މަންޒަރެކެވެ.
އެތައް އިރެއްވަންދެން ދެމައިން ކުނިތައް ހާވާ, އެންމެ ފަހުން ކުނިތަކުގެ ތެރެއިން ކައްކާފައި ހުރި ބަތްކޮޅެއް ހުރި ތައްޓަކާއި, ދެތިން ފޮތި ޕާނާއި, ފޮއްޓެއްގެ ތެރޭގައި އޮތް ދެތިން ފޮތި ޗީޒް ހޯދައެވެ.
ހޯދި ކާތަކެތީގެ ހަލާކުވެފައިވާ ބައިތައްނަގާ ކެއުމަށް ކިރިޔާވެސް ބޭނުންކުރެވޭ ބައި އޭނާ ގެންގުޅޭ ދަބަހަށް އިސްލާމް އަބޫ ތައެމާ ލިއެވެ. އެތަކެތި ހިފައިގެން ދެން އޭނާ ދާނީ އޭނާއާއެކު އެތައް ސަތޭކަ މީހުން ބޯހިޔާވަހިކަން ހޯދައިގެން މިހާރުއުޅޭ ސްކޫލަށެވެ. އެއީ އެތައް އާއިލާއެއް މިހާރު ކައްކާ, ކައިބޮއި ހަދާ އެމީހުންގެ 'ގެ' އެވެ.
"އަހަރެމެން ބަނޑަށް މަރުވަނީ. އަހަރެމެން މި ނުކައިފިއްޔާ އަހަރެމެން މަރުވާނީ ހައިހޫނުކަމުގައި" އޭޕީއަށް ތައެމާ ބުންޏެވެ.
ތައެމާ ކާއެއްޗެއް ހޯދަން އެ ހޭދަކުރަންޖެހުނު ހިތްދަތި ހާލަކީ މިއަދު ޣައްޒާގެ ހަޤީގަތެވެ. ހައިހޫނު ކަން ޣައްޒާ ވަށާލާފައިވާ މިންވަރާއި, ކާބޯތަކެތި ނުލިބި އިންސާނުން ބިކަވެ, ގޮތްހުސްވެފައިވާ މިންވަރު ދައްކުވައިދޭ ވޭނުންފުރިފައިވާ އެ މަންޒަރުގެ ތަރުޖަމާއަކީ މުޅި ޣައްޒާގެ މިހާރުގެ ހާލަތެވެ. ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސްވަންދެން ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާ 2 މިލިއަނެއްހާ މީހުންގެ ކެތްތެރިކަމުގެ އިމްތިހާނެވެ.
މިހާލަތުގައި އޮތް ޣައްޒާއަށް މީގެ ހަފުތާއެއް ކުރިން ވަނުމަށް ހުއްދަދިން ދެތިން ސަތޭކަ ޓްރަކްގެ އެހީއަކީ 'ކަނޑަކަށް ފެންތިއްކެއް ވައްޓާލުން' ފަދަ ކަމެއްގެ ގޮތުގައި އިންސާނީ ހިދުމަތުގެ ބޭފުޅުންވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ޣައްޒާގެ ހައިހޫނު ކަމުގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ހާއްސަކޮށް އުތުރު ޣައްޒާގައި ދިރިއުޅޭ ރަައްޔިތުންނަށެވެ.
ހަނގުރާމައިގެ ކުރިން ޣައްޒާގެ ރައްޔިތުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެމުން އައި ބައެެކެވެ. 17 އަހަރުވަންދެން ހުރިހާ ފަރާތަކުން ޣައްޒާ ބަންދުކޮށްގެން ތިބިއިރުވެސް އެބާވަތުގެ މަންޒަރެއް މީގެ ކުރިން މަދުން ނޫނީ ޣައްޒާއިން ނުފެންނަ ކަމުގައި ޣައްޒާގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްވެރިން އިއްތިފާގު ވެއެވެ.
ޣައްޒާ ޤަތުލްއާންމަށް 20 މަސް ވާންދާއިރު ކުޑަކުދިން ކުނިތަކުގެ ތެރެއިން ކައްކަން ބޭނުންވާ ދަރާއި އެނޫންވެސް އެފަދަ ވިއްކުމަށް ނުވަތަ ހަދައިގެން ބޭނުންކުރެވޭ ޒާތުގެ ތަކެތި ހޯދާ މަންޒަރު ހަނގުރާމަ ފެށި ފަހުން ފެނިފައި ވެއެވެ. ނަމަވެސް މި ދަރަޖައަށް ކުނިތަކުގެ ތެރޭގައި ކާބޯތަކެތީގެ މިންވަރެއްލިބޭތޯ އަތްފުނާއަޅަމުން ދަނިކޮށް ފެނިފައި ނުވާކަމުގައި ވީޑިއޯނެގި އޭޕީގެ ނޫސްވެރިޔާ ވަނީ ބުނެފައެވެ.
ތައެމާ ބުނީ އެމިހުންނަށް އެހެން ގޮތެއް ނެތްކަމަށާއި, އޭނާ އާއި އޭނާގެ 9 އަހަރުގެ އަންހެން ދަރިފުޅު މިހާރު ކޮންމެދުވަހަކުވެސް ކާއެއްޗެއް ލިބޭތޯ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުންނަ ކުނިތަކުގެ ތެރޭގައި ވަގުތު ހޭދަކުރާ ކަމުގައެވެ.
"މިއީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން މިހާރު. އެއްޗެއް ނުލިބުނިއްޔާ އެދުވަހު ނުކައި ތިބެނީ" ތައެމާ ބުންޏެވެ. ޣައްޒާގައި މި މިމަންޒަރު އަދި މާ އާންމު ނޫނަސް އެކަމުން އިޙްސާސްވާ ލަދުވެތިކަމުގެ ސަބަބުން ރޭގަނޑު އަނދިރިވުމުން އެކަމުގައި އުޅޭ ފަރާތައް ގިނަވަމުންދާ ކަމުގައި އޭޕީގެ ނޫސްވެރިން ބުނެފައި ވެއެވެ.
ތައެމާވެސް ބުނީ އޭނާގެ އެހާލަތާއި މެދު އޭނާގެ ނަފްސުވެސް މަލާމަތްކުރާ ކަމަށެވެ. އޭނާއަކީ ކިޔަވައިގެން ހުރި މީހެއް ކަމަށާއި, ކުނިތަކުގެ ތެރެއިން ކާއެއްޗެހި ހޯދައިގެން ބަނޑުފުރާނަ މުއްތިކުރަންޖެހިދާނެ ކަމަށް އޭނާ ދުވަހަކުވެސް އުއްމީދު ނުކުރާ ކަމުގައެވެ. ތައެމާ އަކީ ގުދުސް ޔުނަވަރސިޓީން ބެޗެލަރ އޮފް އިންގްލިޝް ހާސިލްކޮށްފައި ހުރި ފަރާތެކެވެ.
ރިއެކްޝަންސް






