
މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް ލުއިތައް ލިބި, ޚިދުމަތްތައް ރަނގަޅުވާނެ- ރައީސް
މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް ލުއިތައް ލިބި, ޚިދުމަތްތައް ރަނގަޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު ލިބި, ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް މައްކާއަށް ދިއުމުން އެކަން ފާހަގަކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ ކަމަށެވެ. އަދި ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް މިފަހަރުގެ ހައްޖު މޫސުން ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މިހާތަނަށް ލިބުނު 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުން ރައީސް ފާހަގަކުރެއްވީ ވަރަށް ބޮޑު އުފަލެއް، އަދި ޝަރަފެއްގެ ގޮތުގައެވެ.
" ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަން. އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވަން" ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސަޢޫދީ ސަރުކާރުން ވަނީ، ވަރަށް ހޫނު މަރްޙަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައެވެ. ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ވަނީ ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު ވިދާޅުވީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ޙައްޖެއް، ދިވެހި ޙައްޖުވެރީންނަށް މާތްﷲ މިންވަރު ކުރައްވާށި. އާމީން."
ދިވެހި ހައްޖާޖީންގެ ދެވަނަ ގްރޫޕް މިއަދު ހެނދުނު ވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންގައި ފުރާފައެވެ.
ރިއެކްޝަންސް






