
އައިޖީއެމްއެޗްގެ އާ ސާޖިކަލް ވިންގ ރައީސުލްޖުމުހޫރިއްޔާ ހުޅުވައިދެއްވައިފި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަލަށް ޤާއިމްކުރެވުނު 75 އެނދުގެ މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
މި ވިންގގައި ޖެނެރަލް ވޯޑުގެ 44 އެނދާއި، ހައިޑިޕެންޑެންސީ ޔުނިޓުގެ 15 އެނދު، 14 ޕްރައިވެޓް ރޫމާއި، އަދި ފުރަތަމަ ފަހަރަށް ދެ އެނދުގެ ބާން ޔުނިޓެއް ހިމެނޭކަމަށާއި، އަދި މިއާއެކު އެކު އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޖުމްލަ އެނދުގެ އަދަދު 510 އަށް އަރާފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
މި އާ ވިންގގައި ޖެނެރަލް ސާޖަރީގެ އިތުރުން ނިއުރޯ ސާޖަރީ، ޕްލާސްޓިކް ސާޖަރީ، އޯތޯ ސާޖަރީ އަދި ޔޫރޮލޮޖީ ފަދަ ޚާއްޞަ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށާއި، މިކަމުގެ ސަބަބުން ސިއްޙީ ޚިދުމަތުގެ އަވަސްމިން އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މިއީ ސިއްޙީ ދާއިރާގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.
ރިއެކްޝަންސް






