
ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު ދެއްވައިފި
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި 94 ބޭފުޅެއްގެ އަގު ވަޒަންކޮށް، ޝަރަފުގެ ބެޖާއި އައްޑަނަ މިއަދު އަރުވައިފިއެވެ.
މި އިނާމުތައް ދެއްވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ޖަލްސާގައި، ދައުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް ތިން ބޭފުޅަކަށް ވެސް ވަނީ އަރުވައިފައެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ދައުލަތަށް ހިދުމަތް ކުރުމުގެ ޝަރަފު އެރުވި މި 94 ބޭފުޅުންނަކީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް އިހުލާސްތެރިކަމާއި ގާބިލުކަމާއެކު ހިދުމަތްކުރެއްވި ފަރާތްތަކެވެ. މި އިނާމު ދިނުމުގެ މަގުސަދަކީ، އެ ބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެއްކެވި ގާބިލުކަމާއި އިހުލާސްތެރިކަމުގެ އިތުރުން، އެބޭފުޅުންގެ މުއައްސަސާތަކުގެ ކުރިއެރުމަށް ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅަނީ ގައުމީ އިނާމާބެހޭ ކޮމިޓީންކަމަށާއި، އަދި 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް މިއަދު އަރުވާފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އަދި ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ހަސަން ސޯބިރުއަށެވެ.
ރިއެކްޝަންސް






