ތ. ވޭމަންޑޫ މަގުހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ވޭމަންޑޫގެ މައި ބޮޑުމަގުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މަގުތަކުގައި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތްތަކެވެ.
އާރްޑީސީން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަށް ބޭނުންވާ ހޮޅިތައް މި ހިނގާ މަހުގެ 22 ވަނަ ދުވަހު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މި މަޝްރޫޢަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 86.7 މިލިއަން ރުފިޔާއަށް، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ވޭމަންޑޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި އާންމުކޮށް ބޭނުންކުރާ މަގުތައް ހިމެނޭހެން ޖުމްލަ 7 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 3.99 ކިލޯމީޓަރުގެ މަގެވެ.
މި އެއްބަސްވުމުގެ ދަށުން މަގުތަކުގެ ސާވޭ ކުރުމާއި ޑީޓެއިލް ޑިޒައިން އެކުލަވާލުމުގެ އިތުރުން، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ތާރު އެޅުމާއި، ފިނިޝިން މަސައްކަތްތަކުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އާރްޑީސީން ބުނެއެވެ.
ރިއެކްޝަންސް





