ބެސްޓިނެޓް ކުންފުންޏާއެކު އްބަސްވުން ހެދީ ސަރުކާރަށް އެންމެ ފައިދާ ބޮޑު ގޮތަށް ވާތީ- އިހުސާން
މިނިސްޓަރ އިހުސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ-ހޯމް މިނިސްޓްރީ

ބެސްޓިނެޓް ކުންފުންޏާއެކު އްބަސްވުން ހެދީ ސަރުކާރަށް އެންމެ ފައިދާ ބޮޑު ގޮތަށް ވާތީ- އިހުސާން

އެކުންފުންޏާއެކު ކުރިއަށްދާން ނިންމީ މެއި މަހު

3 months ago - 20:13
Advertisement
Advertisement

މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާއެކު އެއްބަސްވުން ހަދާ ކުރިއަށްދާން ނިންމީ އެއީ މިވަގުތަށް ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަށް ވާތީ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެކަން ސާފްކޮށްދެއްވަމުންނެވެ.

މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާއެކު އެއްބަސްވުން ހެދީ 2016 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުންނެވެ. އެއެއްބަސްވުމަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ އެއް ޕްރޮސެސް ފުރިހަމަ ކުރުމަށްޓަކައި ހެދި އެއްބަސްވުމެކެވެ. އެއެއްބަސްވުމުގެ ދަށުން ގާއިމްކުރި އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ޚާއްޞަކޮށް ބަނގްލަދޭޝް މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިން ހަދަން ޖެހޭ މެޑިކަލްތައް ހެދުމާއި, އޭގެތެރެއިން ދޭންޖެހޭ ހިދުމަތްތައް ދިނުން ހިމެނެއެވެ. އެކަމަކު

2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ނިންމި ނިންމުމަކާ ގުޅިގެން އެއްބަސްވުން ހުއްޓުމަކަށް އައި ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. އެނިންމުމަކީ ބަނގްލަދޭޝް މީހުން ރާއްޖެއަށް ނުގެންނަން ނިންމި ނިންމުމެވެ.

މިނިސްޓަރ ވިދާޅުވީ އެއްބަސްވުން ހުއްޓުމަކަށް އައިއިރު އެ ކުންފުންޏާ ސަރުކާރުން ވާހަކަ ނުދައްކާ ކަމަށެވެ. ސަރުކާރުން އެއްވެސް އިޝާރާތެއް ނެތި އެއްބަސްވުން ހުއްޓުމަކަށް ގެނައުމުން އެއްބަސްވުމަށް ވާންވީ ގޮތެއް ހޯދުމަށް 2019 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ ލޯޔަރުންނާއި ސީދާ ކުންފުނިންވެސް ލިޔުންތައް ފޮނުވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެކަމުގައިއަލިމަގެއް ދައްކާފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން ލިޔުމުން ޖަވާބުދީފައި އޮތްކަންވެސް ލިޔެކިޔުމުން ފެންނަން ނެތްކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

މިދިޔަ ސަރުކާރުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިސަރުކާރުން އެމެންޑޭޓް ހަވާލުކޮށްފައި ވަނީ ހޯމް މިނިސްޓްރީއާއެވެ.

އަންގާލުމެއް ނެތި އެއްބަސްވުން ހުއްޓާލާފައިވާތީއާއި އަދި މުޅިން ހުއްޓުމަކަށް އަންނާނެ ފަދަ ގޮތަކަށް ސަރުކާރުގެ އަމަލުތައް ހުރުމުން 13.7 މިލިއަން ޑޮލަރު, ގެއްލުމުގެ ބަދަލަށް ދޭން ޖޭހެނޭކަމަށް އެކުންފުނިން އެންގިއެވެ. އެއީ 2020 އާއި 2022 ވަނަ އަހަރާ ދެމެދުގައެވެ. އަދި ބަދަލު ދިނުމަށްފަހުވެސް އެއްބަސްވުމުގެ މުއްދަތުގައި ލިބޭ ގެއްލުމަށް ސަރުކާރުން ޒިންމާވާން ޖެހޭނެކަމަށް މިސަރުކާރުގެ މުއްދަތުގައި އެކުންފުނިން ބުނެފައިވާ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. އެއީ 15 އަހަރުގެ މުއްދަތެކެވެ.

" އެމީހުން ރާއްޖެއަށް ދީފައި އޮތީ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ ބިޒްނަސް ލޮސް އެވަގުތަށް ދައްކާފަ އަދި ފަހުން 15 އަހަރަށް ލިބޭ ގެއްލުމުގެ ބަދަލަށްވެސް ލާރި ދެއްކުން, އެއީ ކިހާ އަދަދެއް ކަމެއްވެސް އަންގާފައެއް ނެތް. ދެވަނަ އޮޕްޝަނަކަށް ދީފައި އޮތީ އެހެން ޚިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމް ކުރުން. މާނައަކީ މިހާރު އަޅުގަނޑުމެންނަށް ބިދޭސީންގެ ޚިދުމަތް ދެމުންގެންދާ އެކްސްޕެޓް ސިސްޓަމާ އެކުވެގެން އެއަށްވުރެ ކޮމްޕްލީޓް ސިސްޓަމެއް ރާއްޖޭގައި ގާއިމް ކުރުން. " އިހުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު ހާލަތު ހުރިގޮތުން އެއްފަހަރާ އެވަރުގެ އަދަދެއް ބަދަލުގެ ގޮތުގައި ދެއްކެން ނެތްކަމަށެވެ. އެހެންކަމުން މިސަރުކާރުން ދެވަނަ އޮޕްޝަނަށް ދިޔައީ މެއި މަހުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. ދެވަނަ އޮޕްޝަނަށް ގޮސް އެއްބަސްވުމާއެކު ކުރިއަށްދާން ނިންމީ ސަރުކާރުގެ ނިޒާމްތަކުގެ ތެރެއިން އެމީހުންގެ ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އިތުރަށް ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ބިދޭސީއެއްގެ އަތުން ދައުލަތަށް ނަގަނީ އަހަރަކަށް 6200 ރުފިޔާ ކަމަށެވެ. މެލޭޝިޔާ ކުންފުންޏާއެކު އޮތް އެއްބަސްވުމުގެ ދަށުން އޭގެތެރެއިން 1542 ރުފިޔާ ދޭންޖެހެނީ އެކުންފުންޏަށް ކަމަށް ވިދާޅުވިއެވެ. ދައުލަތަށް ލިބޭނީ ބާކީ އޮތް 4658 ރުފިޔާ އެވެ.

މިހާރު ސަރުކާރުން އެޚިދުމަތް ދޭން 122 މުވައްޒަފުން ބޭނުންވާކަމަށާއި, އޭގެ އިތުރުން އިމާރާތަކާއި, ކޯލް ސެންޓަރެއް ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިމާރާތުގެ ކަރަންޓާއި, ފެނާއި އެހެން މެއިންޓެނެންސް ފަދަ ޚަރަދުތައްވެސް ސަރުކާރުން ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެއްބަސްވުމާއެކު ކުރިއަށް ދިއުމުން އެއިން އެއްވެސް ޚަރަދެއް ސަރުކާރުން ކުރަން ނުޖެހޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކްސްޕެޓް ސިސްޓަމްގެ ތެރޭގައި މިވަގުތު 221231 އެކްޓިވް ވަރކް ޕަރމިޓް ހުރި ނަމަވެސް ބަރާބަރަށް ދައުލަތަށް ފައިސާ ދައްކަނީ %50 މީހުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement