
ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި, ޞިއްހީ އެހީހެތެރިންނަށް ދޭ ހަމަލާތައް ހުއްޓާލަން ގޮވާލައިފި
ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި މިނިސްޓަރ ޢަބްދުﷲ ނާޛިމް އިބްރާހީމް ދެއްކެވި ވާހަކައިގައެވެ. މިނިސްޓަރ ވަނީ ގާޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުވަމުން ނުދާކަމަށް ވިދާޅުވެ, އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައްހާސް ބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރި ކުރެއްވިއެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ގޮވާލައްވާފައެވެ. އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޞިއްޙަތާ ބެހޭ ވަޒީރުގެ ތަޤްރީރުގައި ވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތްވީނަމަވެސް އިންސާނީ ޙައްގުތައް ކަށަވަރުވާންޖެހޭކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއިން މިމައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާކަމެއް ކުރުމުގައި ދެމި ތިބޭނެކަމަށެވެ. އަދި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަން ޞިއްޙީ ވަޒީރުވެސް ތަކުރާރުކުރައްވާފައެވެ. ރާއްޖެއިން ދަނީ މެދުނުކެނޑި ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި ބަސް ބުނަމުންނެވެ.
ރިއެކްޝަންސް






