
ބާސެލޯނާއިން ފްލިކްގެ އެއްބަސްވުން 2027 އާ ހަމައަށް އިތުރުކޮށްފި
އެއްބަސްވުން އާކޮށްފައިވަނީ 2027 ގެ ހޫނު މޫސުމާ ހަމައަށް
ބާސެލޯނާގެ ޖަރުމަނުގެ ކޯޗު ހެންސީ ފްލިކްގެ އެއްބަސްވުން 2027 ގެ ހޫނު މޫސުމާ ހަމައަށް ކްލަބުން އިތުރުކޮށްފިއެވެ. ފްލިކް ބާސެލޯނާއާ އެކު ކުރިން ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2026 ގައެވެ.
2024 ވަނަ އަހަރު, ދެ އަހަރުގެ އެއްބަސްވުމުގެއްދަ ދަށުން ބާސާ އާ ގުޅުނު ފްލިކް ކްލަބްގައި އިތުރު ދެ އަހަރު މަޑުކުރުވަން ކުރިން ނިންމާފައިވަނީ ފުރަތަމަ ސީޒަންގައި ފްލިކްގެ އިރުޝާދުގެ ދަށުން ބާސާއިން ތިން ތަށި ހާސިލްކޮށްފައި ވަނިކޮށެވެ.
ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ ވަނީ މި ސީޒަންގެ ލަލީގާ ތައްޓާހަމައަށްވެސް ގެންގޮސްދީފައެވެ. އަދި މީގެ އިތުރުން މި ސީޒަންގައި ސްޕެނިޝް ލީގު ތައްޓާއި, ސްޕެނިޝް ސުޕަރ ކަޕްވެސް ބާސެލޯނާ ވަނީ ކާމިޔާބުކޮށްފައެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންޓަރ މިލާން އަތުން ބަލިވި ނަމަވެސް ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން ވަނީ ކުރިއެރުން ހޯދާފައެވެ. މިއީ 2019 ގެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީގައި ބާސެލޯނާއިން ވާދަކުރި ފުރަތަމަ ފަހެވެ. އިންޓަރ މިލާން އަތުން ސެމީގައި ހިތްދަތި ގޮތަކަށް ބާސާ ބަލިވީ އިތުރު ވަގުތުގައެވެ.
ބާސެލޯނާއާއެކު އާ އެއްބަސްވުމަކަށް ދާނެތޯ އެޕްރީލް މަހު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފްލިކް ބުނީ އޭނާއަކީ ތިން އަހަރަށް އެއްބަސްވުން ހަދާ މީހެއް ނޫން ކަމަށެވެ. "މި ޓީމްގައި ބައިވަރު ޕޮޓެންޝަލް އެބަހުރި. އަހަރެންގެ ފޯކަސް ހުރީ މި ޓީމް އިތުރަށް ރަނގަޅުކުރަން. އެކަމުގައި އަހަރެންގެ ބުންވަރު އެބަހުރި" 60 އަހަރުގެ ފްލިކް ބުންޏެވެ.
ފްލިކް އާއެކު 2020 ވަނަ އަހަރު ބަޔާން މިއުނިކުންވެސް ވަނީ ތިން ތަށި ހާސިލްކޮށްފައެވެ. އެއީ ބުންޑަސްލީގާ, ޖަރުމަނު ކަޕް އަދި ޗެމްޕިއަންސް ލީގެވެ.
ރިއެކްޝަންސް






