
ޔުރޮޕާ ލީގު ފައިނަލްގައި މެންޗެސްޓަރ ޔުނައިޓަޑް ބަލިކޮށް, ޓޮޓެންހަމް އިން ޗެމްޕިއަންސް ލީގުގެ ޖާގަކަށަވަރުކޮށްފި
ޔުރޮޕާ ލީގު ފައިނަލްގައި ރޭ 1-0 ން މެންޗެސްޓަރ ޔުނައިޓަޑް ބަލިކޮށް, އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޓޮޓެންހަމް ހޮޓްސްޕަރސް އިން ކަށަވަރުކޮށްފިއެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި ޓޮޓެންހަމް އިން ހޯދި ފުރަތަމަ ތައްޓެވެ.
ޕްރިމިއަރ ލީގުގެ 16 އަދި 17 ވަނައިގަ އޮތް ދެޓީމް ރޭ މެޗަށް ނިކުއިން އިރުވެސް އޮތީ ޕްރެޝަރުގައެވެ. ނަމަވެސް ސްޕަރސްގައި ދެވަނަ ސީޒަން ހޭދަކުރަމުންދާ ކޯޗު އޭންގ ޕޮސްޓެކޮގްލޯ ވަނީ މީސީޒަނުގައި ކޮންމެވެސް ކާމިޔާބީއެއް ހާސިލްކުރާނެ ކަމަށް ކުރިންވެސް ވައުދުވެފައެވެ.
ދަށް ނަތީޖާ ތަކާއެކު ވަޒީފާ ގެއްލިދާނެ ކަމުގައި ބިރުގައި ހުރި ޕޮސްޓެކޮގްލޯ އާއެކު ސްޕަރސްއިން 2008 ގެ ފަހުން ހޯދި ފުރަތަމަ ތައްޓާއެކު މިވަނީ އަންނަ ސީޒަނުގެ ޗެމްޕިއަސް ލީގުގެ ޖާގަވެސް ކަށަވަރުކޮށްފައެވެ. ޔުނައިޓަޑުން މި ފަހުން ހޭދަކުރަމުން ދާ އެންމެ ދަށް ސީޒަނާއެކު ހުސްއަތާ ސިޒަން ނިންމާލަން ޖެހުނުއިރު ޕްރިމިއަރ ލީގު ތާވަލްގައި ޔުނައިޓަޑް އޮތީ 16 ވަނައިގައެވެ.
ކެޕްޓަން ސޮން ހެއޮންގް-މިން ބެންޗުގައި ބައިންދައިގެން ސްޕަރސްއިން ފެށި މެޗުގެ ހަމައެކަނި ގޯލް ފުރަތަމަ ހާފު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ. 42 ވަަނަ މިނިޓްގައި އޭނާއަށް ގޯލް ޖެހުމުގައި އެހީތެރިވީ ޕޭޕް މަންޓާ ސަރް އެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމުންވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރިއެވެ. ފަހުކޮޅު ސްޕަރސް އިން ކައުންޓަރ އެޓޭކުގައި ގޯލެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރިނަމަވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވެއެވެ.
މި ސީޒަންގައި ޔުނައިޓަޑާ ދެކޮޅަށް ކުޅުނު ތިން މެޗުވެސް ސްޕަރސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ޔުނައިޓަޑްގެ ދަނޑުގައި އެންމެ ފަހުން ކުޅުން 6 މެޗުންވެސް ސްޕަރސް ބަލިވެފައެއް ނުވެއެވެ. އޭގެތެރެއިން ފަހު ފަސް މެޗު ކުޅުނީ ޕޮސްޓެކޮގްލޯ ގެ އިރުޝާދުގެ ދަށުންނެވެ.
ރިއެކްޝަންސް






