
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރާ ކޮމިޝަންގެ މަސައްކަތް ނިމުމަކާ ގާތަށް
ދެހަފްތާ ތެރޭގައި ރިޕޯރޓް ރައީސްއަށް އަރުވަނީ
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އުފެއްދެވި ކާއްޞަ ކޮމިޝަންގެ މަސައްކަތް ނިމުމަކާ ގާތަށް އައިކަން އެކޮމިޝަނުން އިއުލާނުކޮށްފިއެވެ.
ކޮމިޝަނުން މިއަދު ކޮމިޝަންގެ ރަސްމީ އެކައުންޓްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރިޕޯރޓް ރައީސްއަށް އެރުވޭނެ ކަމަށެވެ. އޭޕްރީލް 18 ވަނަ ދުވަހުގެރޭ މާލޭގެ ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އެކުލަވާލެއްވީ ފުލުހުންގެ ތަހުގީގާ މެދު ޢާއްމުން ސުވާލު އުފައްދާ, ޒުވާނުން ސިލްސިލާ މުޒާހަރާތަކެއްވެސް ފެށުމުންނެވެ. ބޮޑަތި ބާރުތަކަކާއެކު އުފެއްދެވި ކޮމިޝަނުގެ މެންޑޭޓަކީ އެހާދިސާ ހިނގިގޮތް ފުރިހަމައަށް ތަހުގީގު ކުރުމެވެ.
ކޮމިޝަނުން މައްސަލަ ތަހުގީގު ކުރި ނަމަވެސް ފުލުހުންވެސް ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. އެގޮތުން ޔުމުންގެ ބަޔާން ނެގުމަށް ދެ ފުލަހަކު މެލޭޝިޔާއަށްގޮސް, މެލޭޝިޔާގެ ކަމާބެހޭ އިދާރާތަކުގެ އެހީގައި ޔުމްނެގ ބަޔާން ނެގުމުގެ މަސައްކަތް ކުރާކަމަށް މީގެކުރިން ވަނީ ބުނެފައެވެ. އެއީ އާއިލާއިން އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމަކު އެވާހަކަތައް އާއިލާއިން ދޮގު ކުރެއެވެ.
ޔުމުން ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްއެވެ. އެއީ އެހާދިސާ ހިނގިއިރު ޔުމްނުއާއެކު އުޅުނު ޒުވާނާއެވެ.
ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. ރައުދު ބަންދުގައި ބަހައްޓައިގެން ތަހުގީގު ނިންމުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މައްސަލައިގެ ތަހުގީގަށް ރައީސް ކޮމިޝަން އުފެއްދެވީ އޭޕްރީލް 26 ގައެވެ. އެކޮމިޝަންގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރެވެ.
ރިއެކްޝަންސް






