
ދުނިޔެ ދޫކޮށްފައިވާ އެންރީކޭގެ ދަރިފުޅަށް ޕީއެސްޖީގެ ސަޕޯޓަރުން ދިން ޓްރިބިއުޓަށް އޭންރީކޭގެ ޝުކުރު
އުމުރުން އެންމެ 9 އަހަރުގައި ކަށީގެ ކެންސަރާ ހަނގުރާމަކޮށް ދުނިޔެ ދޫކުރި ލުއިސް އެންރީކޭގެ އަންހެން ދަރިފުޅު ޒާނާއަށް ޕީއެސްޖީގެ ސަޕޯރުން ދިން 'ލޯބި ޓްރިބިއުޓް' އަށް އެންރީކޭ ޝުކުރުއަދާކޮށްފިއެވެ. ޒާނާ ދުނިޔެ ދޫކުރީ 2019 ވަނައަހަރުއެވެ.
ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ޕީއެސްޖީގެ ބޮޑު ދިދައެއް ހިފައިގެން ދަނޑުގެ މެދުގައި ހުންނަ އެންރީކޭގެ ކުރިމަތީގައި ޕީއެސްޖީގެ 8 ނަމްބަރު ޖޯޒީގައި ޒާނާ ހުންނަ ބޮޑު ޓީފޯއެއް ދަނޑުމަތީގައި ދައްކާލާފައެވެ. މިއީ 2015 ވަނައަހަރު ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މެޗަށްފަހު 5 އަހަރުގެ ޒާނާ ބާސެލޯނާގެ ބޮޑު ދިދައެއް ހިފައިން ދަނޑުމަތީގައި ހުރި ފޮޓޯގެ ނަކަލެވެ. އެ ފޮޓޯގައި ޒާނާ ކައިރީގައި އެންރީކޭވެސް ހުރެއެވެ.
ރޭގެ ފައިނަލް މެޗުގެ ކުރިންވެސް އެންރީކޭ ވަނީ އެފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ޒާނާ ބާސެލޯނާގެ ބޮޑު ދިދަ ހިފައިގެން ހުރި ފޮޓޯ ވަރަށް ހަނދާންވާކަމަށް ބުނެފައެވެ. އަދި ޕީއެސްޖީއާއެކު އެކާމިޔާބީ ހާސިލްކުރަން ބޭނުންވާ ކަމަށާއި, ދަރިފުޅު ޒާނާ ކައިރީގައި ނެތަސް ދަރިފުޅުގެ ރޫހު އޭނާއަާއެކު ވާކަމަށްވެސް އެންރީކޭ ބުނެފައި ވެއެެވެ.
ޒާނާއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ރޭގެ މެޗުގައި އެންރީކޭ ލައިގެން ހުރީ ކަޅުލުލައގެ ޓީ-ޝާރޓް އެކެވެ. ސަޕޯޓަރުްގެ ޓީފޯ ދައްކާލީ ތަށި ހިިފައިގެން ކުޅުންތެރިންނާއެކު އެންރީކޭ ދަނޑަށް އެރި ވަގުތުއެވެ.
"އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއް. ސަޕޯޓަރުން އަަހަންނާއި އަހަރެންގެ އާއިލާއާ މެދު ވިސްނާކަން އެނގުމަކީ ވަރަށް އުފާވެރި އިޙްސާސެއް. އަަހަރެން ޗެމްޕިއަންސް ލީގު ހާސިލްކުރީ ދަރިފުޅު ހަނދާންކުރާކަށް ނޫން. އެދަރިފުޅު މަތިން އަހަރެން ކޮންމެ ދުވަހަކުވެސް ހަނދާންވޭ. އޭނާ ކޮންމެ ދުވަހަކުވެސް އަހަރެމެންގެ އާއިލާއާއެކު ދިރިއުޅޭ. އެނާގެ އަހަރެމެންނާއެކު އުޅޭކަމުގެ އިޙްސާސްކުރެވޭ" މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަޒުބާތާއެކު އެންރީކޭ ބުންޏެވެ.
އެންރީކޭ އިތުރަށްބުނީ ޒާނާ ހުރިނަމަ މިއަދު މިތާނގައި ދުވެދުވެފައި އުޅޭނެ ކަމަށާއި ސަޕޯޓަރުން ދައްކާލި ބެނާއަކީ އޭނާާމެދު ސަޕޯޓަރުންގެ ހިތުގައި އޮތް ލޯބިި ކަމަށާއި, ބެނާ ފެނުމުން އޭނާ ވަރަށް އުފާވި ކަމަށެވެ. "އެކަމަކު އަހަރެން ތައްޓެއް ބޭނުމެއް ނޫން ދަރިފުޅު ހަނދާންކުރާކަށް. ޒާނާ އަހަރެމެންގެ ހިތުތެރޭގައި އަބަދުވެސް ދިރިއުޅޭނެ" އެންރީކޭ ބުންޏެވެ.
ރިއެކްޝަންސް






