
ބްރޫނޯ ފެނާންޑޭޒްގެ ހެޓްރިކާއެކު ޔުނައިޓަޑުން ޔުރޮޕާ ލީގު ހޯދުމުގެ އުއްމީދު އާކޮށް ކުއާޓަރ އަށް
ރޭ ޔުރޮޕާ ލީގުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ހެޓްރިކާއެކު މުބާރާތުގެ ކުއާޓަރ ފައިނަލަށް މެންޗެސްޓަރ ޔުނައިޓަޑް ދަތުރުކޮށްފިއެވެ. އޯލްޑް ޓްރެފޯޑުގައި 4-1 (5-2 ގެ އެގެރެގޭޓް) ން ރެއާލް ސޮސިއޭޑާޑް ބަލިކޮށް ތަށި އުފުލާލުމުގެ އުއްމީދު އާކުރި ޔުނައިޓް ކުއާޓަރ ގައި ބައްދަލު ކުރާނީ ލިޔޯން އާއެއެވެ.
ބުރާސްފަތު ދުވަހު ކުޅުނު މެޗުން އެފްސީއެސްބީ ގެ މައްޗަށް ލިއޯން ކުރިހޯދީ 4-0 (7-1 ގެ އެގްރެގޭޓް) ންނެވެ.
މުޅި ސީޒަން އެއްކޮށްހެން ލައިފް ސަޕޯޓްގައި އޮތް ޔުނައިޓަޑް ކުއާޓާއަށް ގެންގޮސްދިން މެޗުގެ ފުރަތަމަ ދެގޯލް ޔުނައިޓަޑަށް ޕެނަލްޓީން ކާމިޔާބުކޮށްދިނީ ކެޕްޓަން ބުރޫނޯ ފެނާންޑޭޒްއެވެ. އޭރު ރެއާލް ސޮސިއެޑާޑް ވެސް އޮތީ ޕެނަލްޓީއަކުން ގޯލެއް ކާމިޔާބުކޮށްފައެވެ. ސޮސިއެޑާޑްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިކޭލް އޮޔަތަބެލް އެވެ.
ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓަޑް ކުޅުނު އެންމެ ރަނގަޅު މެޗުގައި ބްރޫނޯގެ ހެޓްރިކް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. އަލެހަންޑްރޯ ގަނާޗޯ ތަނަވަސްކޮށްދިން ފުރުޞަތުގެ ތިންވަނަ ގޯލް ކާމިޔާބުކޮށް ޔުނައިޓަޑުން އިތުބާރު ބޮޑުކުރިއެވެ.
މެޗުގައި ޒުވާންކުޅުންތެރިޔާ ހޯޝުއާ ޒާކްޒީ, އަދި ރަސްމުސް ހޮއިލުންޑްގެ ފަރާތުންވެސް މޮޅު ކުޅުއްވަނީ ފެނިގެންގޮސްފައެވެ. ހޮއިލުންޑް ވަނީ އިތުރު ވަގުތުގައި ޔުނައިޓަޑްގެ ހަތަރުވަނަ ގޯލް ކާމިޔާބުކުރުމަށް ޑިއޯގޯ ޑެލަޓްއަށް ފުރުޞަތު ތަނަވަސްކޮށްދީފައެވެ.
ލީގުގައި ބުރާސްފަތި ދުވަހު ފެނަބާޗޭ އާއި ރޭންޖާސް ބައްދަލުކުރި މެޗުން 2-0 ން ފެނަބާޗޭ މޮޅުވިނަމަވެސް އެގްރެގޭޓުން އެއްވަރުވެ, ނަތީޖާނެރެންޖެހި ޕެނަލްޓީން ކުރި ހޯދައިގެން ކުއާޓަރ އަށް ދަތުރުކުރީ ރޭންޖާސްއެވެ. ކުއާޓަރ ގައި އެޕްރީލް 10 ވަނަ ދުވަހު ރޭންޖާސް ބައްދަލުކުރާނީ އެތްލެޓިކޯ ބިލްބާއޯ އާއެވެ.
ކުއާޓާގައި ދެން ބައްދަލުކުރާނީ ބުރާސްފަތި ދުވަހު 3-1 (3-2 އެގްރެގޭޓް) ން އޭޒެޑް އަލްކާމާ ބަލިކުރި ޓޮޓެންހަމް އާއި އެއިންޓްރަޗް ފްރެންކްފާޓް, އަދި ލާޒިއޯ އާއި ބޯޑޯ/ގްލިމްޓް އެވެ.
ރިއެކްޝަންސް






