ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.3 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓު އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 2,304,200 (ދެ މިލިއަން ތިންލައްކަ ހަތަރުހާސް ދުއިސައްތަ) ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަތުލައިގަނެވުނު މި ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި އެކަނިވެސް 18.7 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 2 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް އަރާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މިއީ ގަވާއިދާ ޚިލާފަށް، ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށް ބެލެވޭތީ، ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެކުރާ މިންވަރު ކޮންޓްރޯލް ކުރުމަށާއި، ގަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރިއެކްޝަންސް





