އަނެއްކާވެސް ފެލްޓް ލިސްޓަށް ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން
ފެލްޓް ލިސްޓަށް ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދީފިއެވެ. މިދިޔަ ސަރުކާރުން އިމާރާތް ކުރަން ފަށާ އެކި މަރުހަލާގައި ހުރި 4000 ފްލެޓަށް އެދުނު މީހުންގެ ލިސްޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު އެލިސްޓަށް ނުފޫޒު ފޯރުވާ, ވަކިބަޔަކަށް ފްލެޓް ދޭން އުޅޭ ކަމަށް ބުނެ އަމާޒުވަމުންދާ ތުހުމަތުތަކަށް ރައްދުދެއްވާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ރޭ ޢާއްމުކުރި ބަޔާނުގައިވެސް ދިނީ ނުފޫޒެއް ނެއް ކަމުގެ ޔަގީންކަމެވެ.
އެފަދަ ކޮންމެ ތުހުމަތަކާއެކު މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ ދޮގުކޮށްފައެވެ. ރޭ ޢާއްމުކުރި ބަޔާނުގައި މިނިސްޓްރީން ބުނީ 'ގެދޮރުވެރިޔާ' ސްކީމާ ގުޅޭގޮތުން އެކިފަރާތްތަކުން ޢާއްމުންގެ ހިތުގައި މިނިސްޓްރީއާމެދު ނުބައި ތަސައްވަރެއް އުފައްދާ, ހަޤީޤަތާ ހިލާފް ވާހަކަތަކެއް މީސްމީޑިޔާގައި ފަތުރަމުންދާކަމަށެވެ. ސްކީމްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ފަތުރާ ވާހަކައަކީ ރައްޔިތުންގެ ހިތްތްތަކުގައި ނުތަވަނަސްކަން އުފައްދަން ދައްކާ ކަނޑައެޅިގެން ހަޤީޤަތާ ހިލާފް ވާހަކައެއް ކަމަށް ބުނެފައި ވެއެވެ.
" މިސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ. މިމިނިސްޓްރީގެ މަޤްޞަދަކީ މިސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެން ދިއުމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ވަނީ މިއީ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭ ވަރަށް ހައްސާސް މައްސަލައަކަށްވާތީ, މިކަމުގައި މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމެއް ނެތި ސިޔާސީ ބޭނުމަށް ހަޤީޤަތާ ހިލާފް ޚަބަރު ނުފެތުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް އެކުލަވާލާ މިދިޔަ ސަރުކާރުން ގެޒެޓްވެސް ކުރިއެވެ. އަދި އެއްބަސްވުންތަކުގައި ސޮއިވެސް ކުރިއެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީން ބުނުމާއެކު މިސަރުކާރުން އަލުން ރީއިވެލުއޭޝަންގެ މަސައްކަތް ފެށީއެވެ. އަދި އެލިސްޓް ޢާއްމުކުރާނެ ކަމަށް މިހާތަނަށް ދިން އެކި ތާރީޚުތަކުގައި އެކަން ނުކުރެވި, މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
ރިއެކްޝަންސް