މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އަދި ބ. ކިހާދޫ، ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ.
ފުލުހުން ވިދާޅުވީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ކޯޓު އަމުރުގެ ދަށުން މާލޭގެ މައްޗަންގޮޅީގައި ހުންނަ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ނަޖީޙްގެ ބަންދަށް 15 ދުވަސް އަދި އާމިނަތު ޝަހާމާ ޙަމީދުގެ ބަންދަށް 7 ދުވަސް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





