
ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިޚާބީ މަޤާމުތަކުން ދުރުކުރުމުގެ ބާރު، ރައްޔިތުންގެ އަތް މައްޗަށް ލިބުމުން: ރައީސް
ރައްޔިތުން ޙަޤީޤީ މާނައިގައި ބާރުވެރިކުރެވޭނީ އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތައް އެ މަޤާމުތަކުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީއަށް ގެންނަން ގަސްދުކުރައްވާ ބައެއް އިސްލާޙުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ ދިވެހިރާއްޖެ ފަދަ ޤައުމަކަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިންގ ނިޒާމުގެ ތެރެއިން ބޭއްވޭ ވޯޓަކަށް ހެދުމަށް ވަކާލާތު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް، މިހާރު 93 އަށް އިތުރުވެފައިވާ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާނެކަމަށާއި، އަދި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުން ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވިއެވެ.
މި ކަންކަމާ މެދު މަޝްވަރާކުރުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައިވާ ކަމަށާއި، މިއީ މުސްތަޤުބަލުގެ މުހިންމު ނިންމުން ނިންމުންތަކެއް ކަމަށް ވިދާޅުވެ، ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރިއެކްޝަންސް






