
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާއިން 'ގާޑިއަން ކްލާސް'ގެ ޕްޓްރޯލް ބޯޓެއް ހަދިޔާ ކުރަނީ
މީގެ އިތުރުން މަލްޓި-ބީމް އިކޯ ސައުންޑާ އަކާއި ހައިޑްރޯގްރަފީ ބައެއް ސާމާނުވެސް ހަދިޔާކުރުމަށް ވަނީ ނިންމާފަ
އޮސްޓްރޭލިއާ ސަރުކާރުުން ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް 'ގާޑިއަން ކްލާސް'ގެ ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމައިފިއެވެ. ދިފާއީ ވަޒީރު, މުޙައްމަދު ޣައްސާން މައުމޫން އަދި އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ, ރިޗާޑް މާލްސް ގުޅިގެން ދިވެހި އަސްކަރިއްޔާއިން ނެނުރު ބަޔާނުގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
"މިއީ ދެ ޤައުމުގެ ގުޅުން ކުރިއަރާ ގޮސްފައިވާކަން ދައްކުވައިދޭ ކަމެއް. އަދި ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް. އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށްވެސް މީގެން ފައިދާކުރާނެ" ބަޔާނުގައި ބުނެފައި ވެއެވެ.
ގާޑިއަން ކްލާސްގެ މި ފެޓްރޯލް ބޯޓަކީ ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ބައިނަލް އަޤުވާމީ ޤާނޫނުތަކާ ހިލާފް, ނުވަތަ ނިރުބަވެރިކަމުގެ އެއްވެސް އަމަލެއް ހިނގުމުގެ ކުރިން ސަމާލުކަމަށް ގެނައުމާއި އެކަމަށް ފިޔަވަޅު އެޅުމުގެ ޤާބިލްކަން ލިބިފައިވާ ބޯޓެކެވެ.
ޕެޓްރޯލް ބޯޓްގެ އިތުރުން މަލްޓި-ބީމް އިކޯ ސައުންޑާއަކާއި ހައިޑްރޯގްރަފީގެ ބައެއް އާލާތްތައްވެސް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ. އެއީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ ޗާޓު ކުރެހުމެގެ ޤާބިލްކަން އިތުރުކުރުމަށާއި, ކަނޑުމަތީގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ވެދޭ އެހީއެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ބަޔާނުގައި ބުނެފައިވާގޮތުން ގާޑިއަން ކްލާސްގެ ޕެޓްރޯލް ބޯޓް މިހާރު އޮތީ ބަނުމުގެ މަރުހަލާގައެވެ. 2026 ގައި ބޯޓް ނިމި ދިވެހިރާއްޖެއަށް އަންނާނެކަމަށް ބެލެވޭއިރު ބޯޓްގެ މެއިންޓަނަަންސް އާއި ގުޅޭ ކަންކަމުގައި ވެސް އޮސްޓްރޭލިއާގެ އެހީތެރިކަން ލިބޭނެއެވެ.
ދިފާއީ ވުޒާރާގެ ބަޔާން ރީ-ޕޯސްޓް ކުރައްވާ މީސްމީޑިއާގައި ވަޒީރު މުހައްމަދު ޣައްސާން ކުރެއްވި ޕޯސްޓުގައި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ދެއްވާ އަހައްމިޔަތު ފާހަގަކޮށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ރައީސް މުއިއްޒު ކުރައްވާ ބުރަ މަސައްކަތްޕުޅަށް އައްސަރިބަހާއި, ސާބަހާއި, ހިތުގެ ފުންމިނުން ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވަން" ޣައްސާންގެ ޕޯސްޓްގައި ބުނެފައި ވެއެެވ.
ރިއެކްޝަންސް






