
މެންޗެސްޓަރ ޔުނައިޓަޑްގެ އޭޝިއާ ޓުއާގައި ކުޅުންތެރިންގެ އަމަލުތައް ހުރިގޮތް ބަލައިނުގަނެވޭނެ ކަމަށް ބެކަމް ބުނެފި
މެެންޗެސްޓަރ ޔުނައިޓަޑްއިން ސީޒަން ނިންމާލުމުގެ ގޮތުން ފެށި 'އޭޝިއާ ޓުއާ' ގައި ބައެއް ކުޅުންތެރިންގެ އަމަލުތައް ހުރިގޮތުން މާޔުސްވާ ކަމަށާއި އެފަދަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށް ޔުނައިޓަޑްގެ ލެޖެންޑް ޑޭވިޑް ބެކަމް ބުނެފިއެވެ.
ޓީމުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރްގައި ތިބޭ ހޮޓަލްގެ ބޭރުގައި އެއްވެފައި އޮތް ކްރައުޑާ ދިމާއަށް ވިންގާ އަމަޑް ޑަޔާލޯވަނީ އަތުގެ އިޝާރާތުން ބޭއަދަބީ މަންޒަރެއް ދައްކާ ފޮޓޯތަކާއި ވީޑިއޯވެސް ވަނީ އާންމުވެފައެވެ. އަމަޑްގެ އެ އަމަލަކީ އޭނާގެ މަންމައަށް ނިސްބަތްކޮށް މީހަކު ބުނި އެެއްޗެއްގެ ރައްދުކަމަށާއި އެކަމަށް އޭނާ 'ރިގްރެޓް' ނުކުރާ ކަމަށް އަމަޑް ބުނެފައި ވެއެވެ.
ހުކުރު ދުވަހު ކްލަބްގެ އެހެން ކުޅުންތެރިއެއްކަމަށްވާ އަލެހަންޑްރޯ ގަނާޗޯ ވެސް އޭނާގެ ވީޑިއޯއެއްނެގި ސަޕޯޓަރަކާ ކުޑަވަރެއްގެ ޒުވާބެއް ހިނގާތަށް ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
"އަހަންނަކަށް އެއްގޮތަކަށްވެސް ކަމަކުނުދޭ ކްލަބުގައި އެ ހިނގާ ކަންކަމެއް. ޤަބޫލުކުރަން ދަނޑުމަތީގައި ހިނގާ ކަންކަންކަން މުހިއްމުވާނީ. އެކަމަކު ދަނޑުން ބޭރުން ކުޅުންތެރިންގެ ކިބައިން ބަލައިނުގަނެވޭނެ ބައިވަރު ކަންކަން އެބަ ފެނޭ. ޔުނައިޓަޑްގެ ސަޕޯޓަރެއް އަދި ކްލަބްގެ ކުރީގެ މެމްބަރެއްގެ ހައިސިިއްޔަތުން އަހަރެން ވަރަށް މާޔޫސްވެއްޖެ. އެ ރެޕްރެސެންޓް ކުރަނީ ކްލަބުގެ ބެޖް. އެކަަމަކު ކުޅުންތެރިން އެކަން ހަނދާންނައްތާލާފައިވާ ބަލައިނުގަނެވޭނެ ކިތަންމެމަންޒަރެއް ފެނިއްޖެ" ބީބީސީ ސްޕޯޓްސް ގެ ޗެމްޕިއަންސް ލީގުކަވަރޭޖްގައި ވާހަކަ ދައްކަމުން ބެކަމް ބުނެފައި ވެއެވެ.
ޔުނައިޓަޑްގެ ތާރީޙްގައިވެސް އެންމެ ދަށްކޮށް ޕްރިމިއަރ ލީގު ނިންމާލި ޔުނައިޓަށް މިސީޒަން ނިމުންއިރު އޮތީ ތާވަލްގެ 15 ވަނައިގައެވެ.
ބެކަމް އިތުރަށްބުނީ ބެކަމް މެނަށް ޓީމުގެ ބެޖަކީ ކިހާ މުހިއްމު, ކިހާ ޝަރަފުވެރިއެއްޗެއްކަން އެނގޭ ކަމަށާއި, ޔޫރަޕް ނުވަތަ އޭޝިއާ އަށް ދަތުރުކުރިއަސް ފޭނުންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށެވެ.
"އެމީހުން ފައިސާ ހަރަދުކޮށްފަ އެބަ އާދެ ހަމައެކަނި އަހަރެމެން ދެކެލަން. އަހަރެމެންގެ އޮޓޯގްރާފް ނޫނީ ފޮޓޯއެއް ނަގާލަން. އަހަރެމެން އެކަމަށް އިޙްތިރާމް ކުރަންޖެހޭ" ބެކަމް ބުނެފައި ވެއެވެ.
ރިއެކްޝަންސް






