ފަހުވަގުތު މެންޗެސްޓަރ ޔުނައިޓަޑުން ސިޓީ ބަލިކޮށްފި
އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓަޑުން ފަހަތުން އަރާ މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ. މެންޗެސްތަރ ޑަރބީގައި ކުޅުނު މެޗު 2-1 ން ޔުނައިޓަޑް ކާމިޔާބުކުރީ މެޗުގެ ފަހު ދެ މިނިޓްގެ ތެރޭގައި ޖެހި ދެ ގޯލުންނެވެ.
މެޗުގައި ޔުނައިޓަޑްގެ ތަރިއަކީ އަމަޑް ޑައަލޯއެވެ. ޔުނައިޓަޑުން ނަތީޖާ އަނބުރާލި ގޯލް މެޗުގެ 90 ވަނަ މިނިޓަގައި ޑައަލޯ ކާމިޔާބުކޮށްދިނީ ލިސަންޑްރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އޭގެ ކުރިންވެސް ޑައަލޯވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގޯލްޖެހުމަށް ފުރުޞަތުތައް ތަނަވަސްކުރުމަށް މަސައްކަތް ކޮށްފައެވެ.
ސިޓީގެ ހަމައެކަނި ގޯލް މެޗުގެ 36ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހޮސްކޯ ގުވާޑިއޯލްއެވެ. ކެވިން ޑީބްރޭނާ ތަނަވަސްކޮސްދިން ފުރުޞަތުގައި ގުވާޑިއޯލްގެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައަށްފަހު މެޗު ނިމިގެން ދިޔައިރުވެސް ސިޓީއަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވުއެވެ. ޔުނައިޓަޑުން އެޓީމުގެ ފުރަތަމަ ގޯލް ސިޓީގެ މެތިއުސް ނުނޭޒް, ޔުނައިޓަޑްގެ އަމަޑް އަށްކުރި ފައުލަކާ ގުޅިގެން ލިބުނު ޕެންލަޓީއާއެކު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒްއެވެ.
މި ނަތީޖާއާއެކު ސިޓީގެ ތާރީޙްގައިގައި ވެސް ނުދެކޭފަދަ ކާރިސާ ވަނީ ދިގުލައިގެން ގޮސްފައެވެ. އެންމެ ފަހުން ސިޓީ ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން ވަނީ ބަލިވެފައެވެ. އާދިއްތަ ދުވަހު ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަތުންވެސް ސިޓީ ވަނީ 2-0 ން ބަލިވެފައެވެ.
މެންޗެސްޓަރ ސިޓީ ސޯޅަ މެޗުން 27 ޕޮއިންޓާއެކު ތާވަލްގެ 5 ވަނަ އަށް ވެއްޓިފައިވާއިރު, 22 ޕޮއިންޓާއެކު ޔުނައިޓަޑް ވަނީ ތާވަލްގެ 13 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.
އާދިއްތަ ދުވަހު ބްރައިޓަންގެ މައްޗަށް 3-1 ން ކުރި ހޯދާ ކްރިސްޓަލް ޕެލަސް އޮތީ 16 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. 24 ޕޮއިންޓާއެކު ބްރައިޓަން އޮތީ ތާވަލްގެ 9 ވަނައިގައެވެ.
ރިއެކްޝަންސް