ބާސެލޯނާ ލެގޭންސްގެ އަތްދަށުވެއްޖެ
ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ލެގޭންސް ބައްދަލުކުރި މެޗު 0-1 ން ލެގޭންސް ކާމިޔާބުކޮށްފިއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެގޭންސް އަތުން މޮޅު ނުވެވި, ތާވަލްގެ އެންމެކުރީގައި ހަމަޖެހިލަން ލިބުނު ފުރުޞަތު ބާސެލޯނާއަށް ވަނީ ގެއްލިފައެވެ. ތާވަލްގެ އެއްވަނައިގައި ބާސެލޯނާ އޮތް ނަމަވެސް ޕޮއިންޓްގެ ގޮތުން އެތްލެޓިކޯ މެޑްރިޑާ ވަނީ އެއްވަރު ވެފައެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލް ކާމިޔާބު ކުރީ ލެގޭންސްގެ ސާޖިއޯ ގޮންޒާލޭޒް އެވެ. ހަތަރުވަނަ މިނިޓްގައި ބާސެލޯނާގެ މައްޗަށް ކުރިހޯދުމުގައި ގޮންޒަލޭޒްއަށް އެހީވީ އޮސްކާ ރޮޑްރީގޭޒް އެވެ. ނަތީޖާއާއެކު ލެގޭންސްއިން ވަނީ ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ.
ލެގޭންސް އަތުން ބަލިވި ނަމަވެސް ބާސެލޯނާ ވަނީ މެޗު ޑޮމިނޭޓްކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ބާސެލޯނާއިން 20 ޝޮޓް ނެގިއިރު އެއިން އެންމެ ފުރުޞަތެއްވެސް ގޯލަކަށް ބަދަކޮށްލުމުގައި ވަނީ ނާކާމިޔާބުވެފައެވެ. ގޯލެއް ކާމިޔާބު ކުރުމާ އެންމެ ކައިރިއަށް ދިޔަ ފަހަރުވެސް އެލެކްސް ބަލްޑޭ ނަގައިދިން ހުރަސް ރަފީނިއާ ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އާދިއްތަ ދުވަހު އެތްލެޓިކޯ މެޑްރިޑް އިން ގެޓާފޭއާ ވާދަކޮށް 1-0 ން ކުރިހޯދާ 38 ޕޮއިންޓް ވަނީ ހަމަކޮށްފައެވެ. ބާސާވެސް އޮތީ 38 ޕޮއިންޓާ އެކުއެވެ. އެތްލެޓިކޯ މެޑްރިޑް ތާވަލްގެ ދެވަނައިގައި އޮތްއިރު, ރެއާލް މެޑްރިޑް އިން ތިންވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް