
އެމްބާޕޭގެ ދެ ގޯލުން ރެއާލް މެޑްރިޑް އަލުން ތާވަލްގެ އެއްވަނަ އަށް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑް އާއި ވިޔަ ރެއާލް ބައްދަލުކުރި މެޗުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ދެ ގޯލުން މޮޅުވެ, ރެއާލް އެނބުރި ތާވަލްގެ އެއްވަނަ މަޤާމަށް ޖެހިލައިފިއެވެ. ރެއާލް މެޗު ކާމިޔާބުކުރީ 2-1 ންނެވެ.
ލީގު ތާވަލްގައި ރެއާލް އެއްވަނައިގައި އޮތީ 28 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ މެޗު މަދުންކުޅެ 57 ޕޮއިންޓާއެކު ދެވަނައިގައި އޮތް ބާސެލޯނާ ހޯމަ ދުވަހު ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުންނާނެއެވެ. އެތްލެޓިކޯ ތިންވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.
މެޗުގެ ކުރީކޮޅި ވިޔަ ރެއާލުން ރަނގަޅަށްކުޅެ ރަނގަޅު ދެތިން ހަމަލާއެއްވެސް ގޯލާ އަމާޒުކޮށް ފޮނުވާލިއެވެ. ނަމަވެސް އަޔޯޒޭ ޕެރޭޒް މެޗުގެ ފުރަތަމަ ދެތިން މިނިޓްތެރޭ ފޮނުވާލި ބޯޅަތައް ރެއާލްގެ ކީޕަރު ތިބޯޓް ކޯޓުއާ ވަނީ ސަލާމަތްކޮށްފައެވެ. ވިޔަ ރެއާލުން ލީޑުނެގީ މެޗުގެ އެންމެ ހަތްވަނަ މިނިޓްގައި ލިބުނު ކޯނަރަކުން ހުއާން ފޮއިތްއެވެ.
ނަމަވެސް އޭގެ ދިހަ މިނިޓްފަހުން އެމްބާޕޭ ވަނީ ރެއާލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރުމަށްފަހު އެމްބާޕޭ ވަނީ އުފާފާޅުކުރުންވެސްދޫކޮށް އަނބުރާ ސެންޓަރ ސަރކަލްއަށް ގޮސްފައެވެ. މެޗުން ތިން ޕޮއިންޓް ހޯދަން ކެތްމަދުވެފައި ހުރި އެމްބާޕޭގެ ދެވަނަ ގޯލް ފެނިގެންދިޔައީ މެޗުގެ 23 ވަނަ މިނިޓްގައެވެ. ލޫކަސް ވަޒްކޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ރެއާލް މެޗުން މޮޅުކޮށްދިން ގޯލް ކާމިޔާބުކުރުމާއެކު އޭނާވަނީ މިސީޒަނުގައި 20 ލީގު ގޯލް ކާމިޔާބުކޮށްފައެވެ. މިސީޒަންގައި ލަލީގާގެ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ބާސެލޯނާގެ ލެވަންޑޮސްކީއަށްވުރެ އެމްބާޕޭއަށް މިހާރު މަދުވަނީ އެންމެ ގޯލެކެވެ.
ރެއާލްއަށް ބަދަލުވެ ކުރީކޮޅު ރެއާލްގެ ފެނަށްދިރެން އުނދަގޫ ތަކެއް ތަހައްމަލްކުރި ނަމަވެސް އެމްބާޕޭ މިހާރު އަންނަނީ އޭނާގެ ޖާދޫ ރެއާލްގައި ދައްކަމުންނެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ސެލެބްރޭޝަން ތަކާއެކު ރެއާލްގެ ފޭނުންނަށް ދަނޑުމަތީގައި ހިތްހަމަޖެހުން ގެނެސްދެމުންނެވެ. ލަލީގާ އާއި ޗެމްޕިއަންސް ލީގުގައި ވެސް ރެއާލް މިހާރު ހޯދަމުންދާ ކުރިއެރުންތަކުގެ އޭނާގެ ދައުރު އިންތިހާއަށް ބޮޑެވެ.
ރިއެކްޝަންސް






