ޗެމްޕިއަންސް ލީގު: ލިވަޕޫލް އިން ބޮލޯނާ ބަލިކުރި އިރު ތަރިއަކީ ސަލާޙް
ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ލިވަޕޫލް އިން އިޓަލީގެ ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗު 0-2 ން ކާމިޔާބުކޮށްފިއެވެ. ލިޕަވޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓްގައި އެޓީމްގެ ފުރަތަމަ ގޯލް މުޙައްމަދު ސަލާޙް ތަނަވަސްކޮށްދިން ރީތި ހުރަހަކުން ކާމިޔާބުކޮށްދިނީ މެލް އެލިސްޓާ އެވެ.
މެޗު ޑޮމިނޭޓްކޮށްގެ ކުޅުނީ ލިވަޕޫލްއިން ނަމަވެސް, ފުރަތަމަ ހާފުގައި ބޮލޯނާ އިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ބޮލޯނާ އަށް މީ އެމީހުންގެ ފުރަތަމަ ޗެމްޕިއަންސް ލީގެވެ. އަދި ޔޫރަޕްގެ ބޮޑު މުބާރާތެއްގައި ކުޅޭ ދެވަނަ ފަހަރެވެ. ދެވަނަ ހާފުގައިވެސް ގޯލެއްޖަހާ ނަތީޖާ ހަމަހަމަކުރަން ބޮލޯނާއިން މަސައްކަތް ކުރިއެވެ.
ނަމަވެސް މެޗުގެ 75 ވަނަ މިނިޓްގައި މުހައްމަދު ސަލާހް ލިވަޕޫލަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމާއި އެކު ބޮލޯނާގެ އުއްމީދުތައް ފުނޑުފުނޑު ވިއެވެ. ސަލާހްގެ ވައަތު ފައިން ގޯލްގެ މަތީ ކަނަށް ފޮނުވާލި ހިތްގައިމު ބޯޅައާއެކު އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު 9 މެޗުގެ ތެރެއިން އަށް މެޗުން ވަނީ މޮޅުވެފައެވެ. މިއީ އަހަރެއްހާ ދުވަސްވަންދެން ޔޫރަޕްގެ ބޮޑު މުބާރާތަކާ ދުރުގައި ހުރުމަށްފަހު އެންފީލްޑްގައި އޭނާގެ ފުރަތަމަ މެޗެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި ސަލާޙް ކާމިޔާބުކޮށްދިން 49 ވަނަ ގޯލެވެ.
މެޗުގައި ލިވަޕޫލް އާއި ބޮލޯނާއިން ވެސް އިތުރު ގޯލެއް ޖެހިނަމަވެސް ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ. ޗެމްޕިއަންސް ލިގުގައި ލިވަޕޫލުން ކުޅުނު ދެ މެޗުވެސް އެޓީމްވަނީ ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ކޯޗު ސްލޮޓް ވަނީ ސަލާޙްއަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. "(ސަލާޙް) އޭނާ އަހަރެމެންނަށް ވަރަށް އެހީވި. ބައެއްފަހަރު ހީވެދާނެ އޭނަ އެހުރީ ކުޅުމުގެ ތެރޭގައެއްނޫނޭ. އެކަމަކު ހަމަ ކުއްލިއަކަށް އެހާ ރީތިކޮށް ގޯލުގެ މަތީކަނަށް އެފޮނުވާލީ. އެއީ އޭނާގެ ކޮލިޓީ އަދި ސާބިތުކަމަކީ. އަހަރެމެންގެ ނަސީބު އެއީ އޭނާ އަހަރެމެންނާ އެކު ހުރުން" ސްލޮޓް ބުނެފައި ވެއެވެ.
ރިއެކްޝަންސް