ޗެމްލިއަންސް ލީގު: ރެއާލްއިން ލިލްގެ އަތްދަށުވެއްޖެ, ބަޔާން މިއުނިކަށް އެސްޓަންވިލާއަތުން ސަލާމަތެއް ނުވެނުނު
ރެއާލްއާއި ލިލް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ރެއާލް

ޗެމްލިއަންސް ލީގު: ރެއާލްއިން ލިލްގެ އަތްދަށުވެއްޖެ, ބަޔާން މިއުނިކަށް އެސްޓަންވިލާއަތުން ސަލާމަތެއް ނުވެނުނު

15 days ago - 08:35
Oct 3, 2024 - 08:36

ޗެމްޕިއަންސް ލީގުގައި 2023 މެއި މަހުން ފެށިގެން ރެއާލް މެޑްރިޑުން ދަމަހައްޓަމުން އައި ބަލި ނުވުމުގެ ސިލްސިލާއަށް ލިލް އެފްސީން ނިމުން ގެނުވައިފިއެވެ. ކާލޯ އެންޗޮލޮޓީގެ އިރުޝާދުގެ ދަށުން ކުޅުނު 36 މެޗުންވެސް ބަލިނުވެ އޮތް ރެއާލް ރޭގެ މެޗާ ހަމައަށް އެންމެ ފަހުން މެޗެއްގައި ބަލިވީ ޖެނުއަރީ މަހު އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. 

ބުދަ ދުވަހު ކުޅުނު މެޗުން 0-1 ން ރެއާލް މެޑްރިޑް ބަލިވިއިރު ލިލްގެ ހަމައެކަނި ގޯލް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ޖޮނަތަން ޑޭވިޑްއެވެ. ލިލްގެ އެޑޮން ހެގްރޯވާގެ ހިލޭ ޖެހުން ރެއާލްގެ އިޑުއާޑޯ ކަމަވިންގާގެ އަތުހައި ޖެހުނުކަމަށް ވީއޭއާރުން ނިންމުމާއެކު ލިލް އިން ޕެނަލްޓީ ކާމިޔާބު ކުރިއެވެ. 

މެޗަށްފަހު ރެއާލްގެ ކޯޗު އަންޗޮލޮޓީ ބުނެފައިވަނީ މިބައްޔާއެކު ރެއާލްއަށް ފާޑުކިއުން އެންމެ ރަނގަޅު ކަމުގައެވެ. އަދި ޓީމުން މިކަމުގައި ބަހަނާއެއް ދެއްކެން ނެތް ކަމުގައެވެ.

މެޗުގައި މޮޅަށް ކުޅުނީ ލިލްއިން ނަމަވެސް ރެއާލްއަށްވެސް ގޯލެއް ކާމިޔާބު ކުރާނެ ރަނގަޅު ފުރުޞަތުތަކެއް ލިބުނެވެ. 18 އަހަރާއި 73 ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެންޑްރިކް އަދި ބްރެޒިލްގެ ފޯވާޑް ވިނީޝިއުސްއަށް ވެސް ވަނީ ގޯލެއް ކާމިޔާބު ކުރާނެ ރަނގަޅު ފުރުޞަތުލިބި ބޭކާރުވެފައެވެ. ޖޫޑް ބެލިންގހަމް, އެންޓޯނިއޯ ރުޑީގާ, އަދި އަރްދާ ގުލާއަށްވެސް ރަނގަޅު ފުރުޞަތުތަކެއް ލިބުނެވެ.

Advertisement

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު އެސްޓަން ވިލާއިން ބަޔާން މިއުނިކްގެ މައްޗަށް ކުރިހޯދާފައި ވަނީވެސް 1-0 ގެ ނަތީޖާ އަކުންނެވެ. 79 ވަނަ މިނިޓްގައި ވިލާގެ ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޖޯން ޑުރާން އެވެ. ޕައު ޓޮރޭސް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ވަރަށް ދުރުން ޑުރާން މި ގޯލް ކާމިޔާބު ކުރިއިރު އޭނާ ކުޅުމުގެ ތެރެއަށް އައީ 70 ވަނަ މިނިޓްގައި އޮލީ ވަޓްކިންސްގެ ބަދަލުގައެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ސަޕޯޓަރުންގެ ފަރާތުން އާދަޔާޙިލާފް ތަރުހީބެއް ފެނިގެން ގޮސްފައި ވާއިރު, ވިލާގެ ގޯލް ކީޕަރު އެމީލިއާނޯ މާޓިނޭޒް ބުނެފައި ވަނީ މިއީ ވިލާ ޕާކުގައި ސަޕޯޓަރުންގެ އަޑު އެންމެ ގަދަވި ދުވަސްކަމުގައެވެ.

1982 ގައި އެސްޓަން ވިލާއިން ބަޔާން މިއުނިކްގެ މައްޗަށްކުރި ހޯދި ތާރީޚީ ކާމިޔާބު 41 އަހަރު ފަހުން އަލުން ތަކުރާރު ކުރިއިރު ޑުރާން ވަނީ ގޯލަށްފަހު އޭރުގެ އުފާފާޅުކުރުންވެސް ތަކުރާރުކޮށްފައެވެ. 

ބަޔާން މިއުނިކަށް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރާނެ ފުރުޞަތު ލިބުންނަމަވެސް ހެރީ ކޭން ބޮލުންޖަހާ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު މާޓިނޭޒް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. 

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޔަންގު ބޯއީސްގެ މައްޗަށް 0-3 ން ކުރި ހޯދުމަށްފަހު މިކާމިޔާބީ އަކީ ކޯޗު އުނެއި އެމެރީ އަށް އަނެއްކާވެސް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow