
ރަތްކާޑު ދަމަހައްޓާ ބެލިންގްހަމްއަށް ދެ މެޗުގެ ސަސްޕެންޝަނެއް
ލަލީގާގައި އެންމެފަހުން ރެއާލުން އޮސަސޫނާއާ ދެކޮޅަށް ކުޅެ 1-1 ން އެއްވަރުވި މެޗުގައި ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އަށް ދެއްކި ރަތްކާޑު ދަމަހައްޓާ ދެ މެޗަށް ސަސްޕެންޑް ކުރުމަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސްޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.
ބެލިންގްހަމްއަށް ލިބުނު ސަސްޕެންޝަނާއެކު ކުރިއަތް އޮތް ރެއާލް ބެޓިސް އަދި ޖިރޯނާ އާ ދެކޮޅަށް ރެއާލުން ކުޅޭ ދެމެޗު އޭނާއަށް ގެއްލޭނެއެވެ. ނަމަވެސް ރެއާލުން ދަނީ ކޮމިޓީގެ ނިންމުން އެޕީލްކުރުމަށް ތައްޔާރުވަމުންނެވެ.
ރެއާލްގެ ކޯޗު, ކާލޯ އަންޗެލޮޓީ ވަނީ އެންމެ ފުރަތަމަ ވަގުތުންފެށިގެންވެސް ބެލިންގްހަމް އަށް ދެއްކި ރަތްކާޑަކީ ރެފްރީއަށް ހެދުނު ގޯހެއްކަމުގައި ބުނެފައެވެ. ނަމަވެސް ކޮމިޓީގެ ނިންމުން އައިސްފައިވަނީ ބެލިންގްހަމަ ރެފްރީއަށް ދޭންޖެހޭ އިޙްތިރާމް ދިނުމުގައި އަމަލުކުރަންވާ އެންމެ ރަނގަޅުގޮތަށް އަމަލުކޮށްފައިނުވާކަމަށް ބުނެއެވެ.
އޮސަސޫނާ އާއި ރެއާލް ބައްދަލުކުރި މެޗުގައި ބޭއަދަބީ ބަހެއް ރެފްރީ, ހޯސޭ ލުއިސް މުނުއޭރާ މޮންޓޭރޯއަށް ނިސްބަތްކޮށްބުނިކަމަށް ނިންމާ ރެފްރީ ބެލިންގހަމް އަށް ރަތްކާޑު ދެއްކީ މެޗުގެ 39ވަނަ މިނިޓްގައެވެ. 10 ކުޅުންތެރިންނާއެކު ކުޅެ ޕޮއިންޓަކުން ފުއްދާލަން ޖެހުނު ރެއާލް އާ ލީޑު ފުޅާނުކުރެވި, ވާދަވެރި ބާސެލޯނާއިން އަނެއްދުވަހު ވަނީ ތާވަލްގައި ރެއާލް ދިފާއުކުރަމުން އައި މަޤާމް އަތުލާފައެވެ.
މެޗަށްފަހު ރެއާލް އަދި ބެލިންގްހަމްގެ ފަރާތުންވެސް ވަނީ ރެފްރީންގެ ޓެކްނިކަލް ކޮމިޓީގައި ރެފްރީގެ ނިންމުން އެޕީލްކޮށްފައެވެ.
ރިއެކްޝަންސް






