
ޤުރުއާން އުނގަންނައިދިނުމަށް ބޭރުގެ ޤާރީން 6 ރަށަކަށް ފޮނުވަނީ
ޤުރުއާން އުނގަންނައިދިނުމުގައި ޤާރީންގެ ދަތިކަން ހުރި 6 ރަށަކަށް ޤާރީން ފޮނުވަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. މިނިސްޓަރ ޑރ.މުޙައްމަދު އަލީ ޝަހީމް ވިދާޅުވީ ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން މިއަދު މާލެ އަންނާނެ ކަމަށެވެ.
ސޯސަލް މީޑިއާ ޕޯސްޓެއް މެދުވެރިކުރައްވާ ޑރ. ޝަހީމް ވިދާޅުވެފައިވީ ޤާރީން އެ ރަށްތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދިނުމުގެ އިތުރުން މިސްކިތުގައި ޤުރުއާން ހިތުދަސްކުރާ ކްލާސްތައް ހިންގާނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއްގެ ގޮތުގައި، ހިލޭ ސާބަހަށް ޤުރުއާން އުނގަންނައިދިނުން ފުޅާކުރުން ހިމެނެއެވެ. އަދި މި ދައުރުގައި ޤާރީންގެ ދަތިކަން އޮތް ހުރިހާ ރަށެއްގައި މިކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ކުރުމަށް ބޭރުގެ ޤާރީން ގެންނެވިއެވެ. ނަމަވެސް މިހާރު ޒުވާން ހާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކުން ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށާއި، އަދި ޒުވާން ހާފިޒުންގެ ތެރެއިން ގިނަ ބަޔަކީ އިސްލާމިކް މިނިސްޓްރީގެ 500 ހާފިޒުންގެ މަޝްރޫޢުގެ ދަސްވެނިންކަން ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






