
އެއަރޕޯޓްގެ މަގުތައް ހަދާތީ ޓްރެފިކް ފްލޯއަށް ވަގުތީގޮތުން ބަދަލު ގެނެސްފި
ބަދަލު ގެނައީ ރެއިން ފެށިގެން މި މަހު 21 އާ ހަމައަށް
ވެލާނާ އިންޓަނޭޝަލް އެއަރޕޯޓްގެ އާ ޓާމިނަލްއާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެއަރޕޯރޓް އާގުޅޭ މަގުތަކުގެ ޓްރެފިކް ފްލޯއަށް ވަގުތީގޮތުން ބަދަލުތަކެއް ގެނެެސްފިއެވެ. އެއަރޕޯރޓް ހިންގާ މޯލްޑިވްސް އެއަރޕޯރތްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ބަދަލުތައް ހިނގާނީ ރެއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.
މި ބަދަލުތަކާއެކު އެއަރޕޯޓްއަށް ދަތުރުކުރާ ޓެކްސީ ތަކާއި އެހެނިހެން އުޅަނދުތަކުން މީހުން ބޭލުމަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އާ ޓާމިނަލް އާ ކައިރިން ހަދާފައި އޮންނަަ މަގުންނެވެ. ނަމަވެސް މީހުން ބޭލުމަށް ބޭނުންކުރާނީ މިހާރުވެސް ކަނޑައެޅިފައި އޮންނަ ސަރަހައްދުކަަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެެ.
ޓްރެފިކް ފްލޯއަށް ގެނައި އިތުރު ބަދަލުތަކަކީ ފަސިންޖަރުން އެއަރޕޯޓުން ނިކުތުމަށްފަހު ބޭނުންުރާ ޓެކްސީ ކިއު މިހާރު ސައިކަލް ޕާކުކުރާ ސަރަހައްދާއި ޖެޓީއާ ދެމެދުގައި އޮންނަ ސަރަހައްދަށް ބަދަލުވެފައި ވުމެވެ. މިހެންކަމުން ޓެކްސީ އެއް ނެގުމަށް މިހާރު ހިންގަންޖެހޭ ރާސްތާ ދިިގުވާނެއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ހުޅުވުމުގެ ކުރިން މަގުތަކާއި އެކުޓާމިނަލްގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު މި ބަދަލުތައް ދެމިއޮންނާނީ 21 އާ ހަމައަށް ތާވަލްކޮށްފައި އޮތް މަަސައްކަތް ނިމެންދެނެވެ.
ރިއެކްޝަންސް






