އަމާޒަކީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު ކަށަވަރުކުރުން: ޑރ. ޝާހް
ރާއްޖެއަށް އެތެރެކުރެވޭ ބޭހަކީ ކޮލިޓީ ރަނގަޅު، ފެންވަރުދަަރު ބޭސްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ބޭސް ކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝާހް މާހިރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އުފެއްދެވި ހާއްސަ ކުންފުނިން މިހާރު އަންނަނީ އޮޕަރޭޝަނަލް މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުންނެވެ. އެގޮތުން ކުންފުނީގެ އޮފީސް ގާއިމުކޮށް، މުވައްޒަފުން ނެގުމުގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ މިންގަނޑުތަކަށް ފެތޭ ހާއްސަ ބޭސް ގުދަނެއްވެސް މިހާރު ވަނީ ތައްޔާރުކުރެވިފައެވެ.
ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕޮލިސީތަކާއި އަމަލީގޮތުން މަސައްކަތްކުރާނެ އުސޫލުތައް (SOPs) އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ޑރ. ޝާހް ވިދާޅުވީ، ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ. ޚާއްޞަކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ކަމާބެހޭ މާހިރުންނާ މަޝްވަރާކޮށް، ރާއްޖެއަށް އެންމެ ބޭނުންތެރި ބޭސްތައް ދެނެގަނެ، އެ ބޭސްތައް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށްވުމުން ބޭނުންވާ ބޭހުގެ މިންވަރު މަދުވުމަކީ ބޭރުގެ ކުންފުނިތަކުން ސީދާ ރާއްޖެއަށް އަމާޒުކޮށް ބޭސް އުފެއްދުމުގައި އޮތް ހުރަހެއް ކަމަށެވެ. މިހެންކަމުން ގިނަ ފަހަރަށް ގެންނަން ޖެހެނީ އެހެން ގައުމުތަކަށް އުފައްދާ ބޭހުގެ ތެރެއިން ބައެއް ކަމަށާއި، އޭގެ ސަބަބުން ބޭނުންވާ ސެޓްފިކެޓްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
"ކޮލިޓީ މެއިންޓެއިން ކުރެވެނީ ވަރަށް ގިނަ ކަންތައްތަކަށް ބަލާފައި. މިހާރުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭއިން ބޭރުގެ ގައުމުތަކަށް ބޭސް ސަޕްލައިކުރާ ފަރާތްތަކާއެކު މަސައްކަތްކޮށް ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް،" ޑރ. ޝާހް ވިދާޅުވިއެވެ.
މީގެ އިތުރުން، ޚިދުމަތްތައް ލުއިފަސޭހަކުރުމުގެ ގޮތުން ބޭހުގެ ކަންކަމަށް ޚާއްޞަ ޕޯޓަލްއެއް ތައާރަފްކުރުމަށް ނިންމާފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭސް ސިޓީ ހިއްސާކޮށް، ބޭހުގެ ޚިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އުފެއްދެވި މި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށް ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ރިއެކްޝަންސް





