ޚަރަދު ކުޑަކުރުމަށް މިފްކޯގެ މަސައްކަތު ގަޑި ކުރުކޮށްފި

ޚަރަދު ކުޑަކުރުމަށް މިފްކޯގެ މަސައްކަތު ގަޑި ކުރުކޮށްފި

3 hours ago - 12:13
Advertisement
Advertisement

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) ގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު ވަގުތު ކުރުކުރުމަށް ނިންމައިފިއެވެ.


މިފްކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޝިފްޒާ މުސްތަފާ ވިދާޅުވީ، މި ނިންމުމަކީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއެކު، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.


މި ބަދަލާއެކު، މާދަމާއިން ފެށިގެން މިފްކޯގެ މައި އޮފީހާއި އެކި ސެންޓަރުތަކުގެ ރަސްމީ މަސައްކަތު ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން ހެނދުނު 8:00 އިން ހަވީރު 4:00 އަށް މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ދެން މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.


ޝިފްޒާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސައްކަތު ގަޑި ކުރުކުރި ނަމަވެސް، އެއްވެސް މުވައްޒަފެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ގޮތަށް ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ ހާލަތްތަކުގައި، މެންދުރު 2:00 ގެ ފަހުން މުވައްޒަފުން މަސައްކަތަށް ނެރޭނަމަ، އެކަމަށް ޚާއްޞަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


އޮފީސް ގަޑިތަކަށް ބަދަލު އައި ނަމަވެސް، މިފްކޯގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ބުރޫ ނާރާނެކަން ކުންފުނިން ކަށަވަރުކޮށްދެއެވެ. އެގޮތުން ބޯޓުފަހަރުގެ މަސައްކަތްތަކާއި، އެހެނިހެން އޮޕަރޭޝަންތަކުގެ އިތުރުން މިފްކޯގެ މަސްފިހާރަތައް ކުރިއެކޭވެސް އެއްގޮތަށް ހުޅުވިފައި ހުންނާނެ ކަމަށް ޝިފްޒާ ވިދާޅުވިއެވެ.


މި ނިންމުމަކީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއްކަން ފާހަގަކުރެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement