
ޕޯޗްގަލްއިން ނޭޝަންސް ލީގު ކާމިޔާބުކޮށް, ރޮނާލްޑޯ އުފަލުން ރޮވިފައި
ޔުއެފާ ނޭޝަންސް ލީގު ފައިނަލްގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް, ޕޯޗުގަލްއިން ތަށި އުފުލާލައިފިއެވެ. މިއާއެކު ޕޯޗުގަލް އާއެކު ތިން ތަށި ކާމިޔާބުކުރި ރޮނާލްޑޯއަށް މިއީ އުފާވެރިކަމުގެ ކަރުނައިގެ ރެއެކެވެ.
ޕޯޗުގަލްއިން ޒަމާންވީ ވާދަވެރިޔާ އަދި އަވައްޓެރި ސްޕެއިންގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީން 5-3 ންނެވެ.
"ޕޯޗުގަލް އާ ކާމިޔާބީ ހޯދައިދިނުމަކީ އަހަންނަށް އަބަދުވެސް ހާއްސަކަމެއް. ކްލަބްތަކާއެކު އަހަރެންގެ އެތައް ތައްޓެއް އެބަހުރި. އެކަމަކު ޕޯޗުގަލްގެ ޤައުމީޓީމަށް ކުޅެ މޮޅުވުމާ އެއިން އެއްވެސް ކަމަކާ އަޅާ ނުކިޔޭނެ" އުފަލުން ރޮވިފައިހުރި ރޮނާލްޑޯ ބުންޏެވެ.
ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 138 ވަނަ ގޯލާއެކު 40 އަހަރުގެ ކެޕްޓަން ރޮނާލްޑޯ މެޗުގެ ނަތީޖާ 2-2 ށް ބަދަލުކުރީ މެޗުގެ 61 ވަނަ މިނިޓްގައެވެ. ނަމަވެސް 88 ވަނަ މިނިޓްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން 8 ވަނަ ގޯލެވެ.
މިއީ 2022 ގެ ފަހުން ސްޕެއިންއަށް ތައްޓެއްގައި އަތްނުލާ ނިންމާލި ފުރަތަމަ އަހަރެވެ. 2022 ގެ ވޯލްޑްކަޕަަށްފަހު ޖެހިގެންއައި 2023 ގައި ސްޕެއިން އިންވަނީ ނޭޝަންސް ލީގު އުފުލާލާފައެވެ. އަދި 2024 ގައި ޔޫރޯ ކާމިޔާބުކުރީވެސް ސްޕެއިން އެވެ.
ރޭ ފައިނަލްގައި ފުރަތަމަ ގޯލްވެސް ކާމިޔާބުކުރީ ސްޕެއިން އިންނެވެ. 21 ވަނަ މިނިޓްގައި ސްޕެއިންއަށް ލީޑު ނަގައިދިނީ މާޓިން ޒުބިމެންޑީއެވެ. ނަމަވެސް އޭގެ ފަސް މިނިޓްފަހު ޕެޑްރޯ ނޭޓޯ ތަނަވަސްކޮށްދިން ފުރުޞަތުގައި ނުނޯ މެންޑޭޒްވަނީ ޕޯޗުގަލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ސްޕެއިންއަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާވެސް ލީޑުނަގައިދިނީ މިކޭލް އޮޔަތަބެލްއެވެ. 45 ވަނަ މިނިޓްގައި ދެވަނަ ގޯލް ޖަހަން އެހީތެރިވީ ޕެޑްރީއެވެ. ޕޯޗުގަލްއަށް 61 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ރޮނާލްޑޯއެވެ.
ސްޕއެިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އާއި ރޮނާލްޑޯގެ ރެއެއް ކަމަށް ބެލެވުނު ރޭގެ ފައިނަލްގައި ޔަމާލް ހިފެހެއްޓުމަށް ޕޯޗުގަލްގެ ފުލްބެކް ނުނޯ މެންޑޭޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ޕޯޗްގަލްގެ ޕެނަލްޓީތައް ކާމިޔާބުކުރީ ގޮންކާލޮ ރާމޯސް,ވިޓީނާ, ބްރޫނޯ ފެނާންޑޭޒް, ނުނޯ މެންޑޭޒް އަދި ރުބެން ނެވެޒް އެވެ. ސްޕެއިން އިން މިކޭލް މެރީނޯ, އަލެކްސް ބައެނާ އަދި އިސްކޯގެ ޕެނަލްޓީތައް ކާމިޔާބުކުރިއިރު އަލްވާރޯ މޮރާޓާގެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.
ރިއެކްޝަންސް






