މެސީ އެނބުރި އައިސް 4 މިނިޓްގެ ތެރޭގައި 2 ގޯލް ޖަހާ އިންޓަ މަޔާމީ މޮޅޮކޮށްދީފި
އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު ލަޔަނެލް މެސީ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން އިންޓަރ މަޔާމީ މޮޅުކޮށްދީފި އެވެ. ފިލެޑެފިއާ ޔޫނިއަން އާ ދެކޮޅަށް ކުޅުނު މެޗު 1-3 ން އިންޓަ މަޔާމީ ކާމިޔާބު ކުރީ މެސީގެ ދެ ލަނޑާ އެކުއެވެ. އަދި ތިންވަނަ ލަނޑެއް ޖަހަން އެހީތެރިވީ ވެސް މެސީއެވެ.
ހޮނިހިރު ދުވަހުގެ މެޗަށް ނިކުތުމުގެ ކުރިން އާޖެންޓީނާގެ ފޯވާޑް ވަނީ އަނިޔާގެ ސަބަބުން ދެ މަސްދުވަސް ވަންދެން ކުޅުމާދުރުގައި ހުރެފައެވެ. ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި ޖުލައި 14 ވަނަ ދުވަހު ކޮލަންބިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ކާނާތު ކުޑަހުޅަށް އަނިޔާވެ, ކުޅުމާ ދުރަށް ދިއުމުގެ ކުރިން މަޔާމީ އަށް އެންމެ ފަހުން މެޗެއް ކުޅެދިނީ ޖޫން 1 ގައެވެ.
މެޗުގެ ފުރަތަމަ ގޯލް 58 ވަނަ ސިކުންތުގައި ޖެހީ ފިލެޑެފިއާއިންނެވެ. ނަމަވެސް މެޗުގެ 26 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ދިން ޕާހަކުން ލިބުނު ބޯޅަ ހިފައިގެން ޑިފެންޑަރު ކައިން ނައްޓާފައި ގޮސް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެސީ ވަނީ މަޔާމީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
"ކުޑަކޮށް ވަރުބަލި. މަޔާމީގެ ހޫނާއި ވައިގެ ތެތްކަމުގެ މިންވަރު ހުރިވަރުން ކުޑަކޮށް އުނދަގޫވި. އެކަމަކު އަހަރެން ހުރީ އެނބުރި އަންނަން ކެތްމަދުވެފަ. ކުޅުމާ ދުރުގަ މާ ގިނަ ދުވަހު މިހާރުވެސް ހުރެވިއްޖެ. ޓީމާއެކު އުޅެން ފެށުމުން މަޑުމަޑުން މީގެ ތެރެއަށް ވަދެވޭ އެބަ. އެކަމާ މެދު އަހަރެން ހިތްހަމަޖެހޭ. އެހެންވެ އަހަރެން މެޗަށް ނިކުންނަށް ގަސްތުކުރީ. އަހަރެން މިހުރީ ވަރަށް އުފަލުން" މެޗަށްފަހު އެޕަލް ޓީވީއަށް ދިން އިންޓަރވިއުއެއްގައި މެސީ ބުނެފައި ވެއެވެ.
މެޗުގައި 90 މިނިޓް ކުޅުނު މެސީގެ މަސައްކަތާއި ފެންވަރާމެދު ކޯޗު ޖެރާޑޯ މާޓީނޯވެސް ހުރީ ހިތްހަމަޖެހިފައެވެ. އަދި މެސީގެ ކިބައިގައި ހަމަ ކޮންމެ ވަގުތެއްގައި ވެސް ތަފާތެއް ދައްކާނެކަމުގެ ޤާބިލްކަން ހުންނާނެ ކަމަށް ކޯޗު ބުނެފައިވެއެވެ.
އެމެރިކާގެ މޭޖަރ ލީގް ސޮކާގައި މެސީ ވަނީ 19 ގޭމުން 15 ގޯލްޖަހާ, އިތުރު 15 ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ. މިއީ ލީގުގެވެސް ރެކޯޑެކެވެ. މީގެ ކުރިން އެރެކޯޑް އޮތީ 29 މެޗުން އެ ނަތީޖާ ނެރެގެން ސަބާސްޓިއަން ޖިއޮވިންކޯ އަތުގައެވެ.
ރިއެކްޝަންސް