ވިނީޝިއުސްގެ ހެޓްރިކުން ރެއާލް މޮޅުކޮށްދީފި
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އާއި އޮސަސޫނާ ބައްދަލުކުރި މެޗުގައި ވިނީޝިއުސް ޖޭއާރު ހެޓްރިކް ހަދާ ރެއާލް މޮޅުކޮށްދީފިއެވެ. ހޮނިހިރު ދުވަހު ރެއާލްއިން އޮސަސޫނާގެ މައްޗަށް ކާމިޔާބު ހޯދީ 4-0 ނެވެ.
މެޗުގައި ވިނީޝިއުސްގެ ގޯލްތައް ޖެހީ 34, 61 އަދި 69 ވަނަ މިނިޓްގައެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރުމުގައި ވިނީއަށް އެހީތެރިވީ ރެއާލްގެ ދެވަނަ ގޯލް ކާމިޔާބުކޮށް 42 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދިން ޖޫޑް ބެލިންގހަމްއެވެ. މިއީ ބެލިންގހަމް މިސީޒަނުގައި ރެއާލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ބެލިންގހަމް ގޯލްޖެހީ ބަދަލު ކުޅުންތެރިޔާ ރައުލް އަސެންސިއޯ ނަގައިދިން ފުރުޞަތެއްގައެވެ.
މެޗުގައި ވިނީޝިއުސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ވިނީޝިއުސްގެ ފަހު ދެގޯލް ކާމިޔާބުކުރުމުގައި އެހީތެރިވީ ގޯލްކީޕަރު އަންޑްރީ ލުނިން އަދި ބްރަހަމް ޑިއަޒް އެވެ. މިއީ ބެލެންޑޯގެ ޑްރާމާއަށް ފަހު އެ އެވޯޑް އެންމެ ބޮޑަށް ހައްޤުވާ ކަމަށް ގިނަ ބަޔަކު ދެކުނު ވިނީޝިއުސްގެ ފަރާތުން ބެލެންޑޯއަށް ފަހު ފެނުނު ފެންވަރު ރަނގަޅު މެޗެކެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމެންދެން ކުޅުނު ކީލިއަން އެމްބާޕޭގެ ފަރާތުން މާއެދެވޭ ކުޅުމެއް މެޗުގައި ނުފެނުނެވެ.
ރެއާލްއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވި މި މެޗުގައި މުހިއްމު ކުޅުންތެރިންތަކެއް ކަމަށްވާ ރޮޑްރީގޯ, އެޑާ މިލިއާޓޯ ވަނީ ފުރަތަމަ ހާފުގައި އަނިޔާވެ ބަދަލުކޮށްފައެވެ. މިލިއާޓޯ ދަނޑުން ބޭލީ ސްޓްރެޗަރ ގައެވެ. އަދި ލޫކަޒް ވަޒްކޭޒް ވަނީ ހާފްޓައިމްގައި އަނިޔާވެ ބަދަލުކޮށްފައެވެ.
މި ނަތީޖާއާއެކު 27 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ 6 ޕޮއިންޓް މަދުކޮށެވެ. ތާވަލްގެ ފަސްވަނައިގައި އޮސަސޫނާ އޮތީ 21 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް